ދިވެހި ސަރުކާރުން މިއަދު އިންޑިއާ ސަރުކާރަށް 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، އެ ފައިސާ ދެއްކުމުން ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ދަށަށްދާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފައިސާ ދައްކަން ޖެހުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމަށެވެ.

"އެހެންކަމުން، މާދަމާއިން ފެށިގެން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑުތަނުން ދަށްވާނެއެވެ. ކާޑަށް، ތެލަށް އަދި ބޭހަށް ދައްކާނެ ފައިސާ ސަރުކާރުގައި ނުހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

އެ ފައިސާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ބަޖެޓަށް އެހީވުމުގެ ގޮތުން ޓީ-ބިލް ވިއްކައިގެން އިންޑިއާއިން ހޯދި ޖުމްލަ 200 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަން ބާކީ އޮތް ފަހު 50 މިލިއަން ޑޮލަރެވެ. މީގެ ކުރިން އެކި ފަހަރު މަތިން އެ ފައިސާ ދެއްކުމުގެ މުއްދަތު އިންޑިއާއިން ފަސްކޮށްދީފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ މެއި މަހު 50 މިލިއަން ޑޮލަރު ދެއްކުމަށްފަހު، ބާކީ ބައިވެސް އަނބުރާ ދައްކާނެކަމުގެ ޔަގީންކަން މީގެކުރިން ދީފައިވެއެވެ.

ނަމަވެސް، މި ފަހަރު އެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އަދި މިހާތަނަށް އެކަމަށް އެއްބަސްވެފައެއްނުވެއެވެ.

އެ ލޯނުގެ ތާރީހަށް ބަލާއިރު، 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރު، ޖުމްލަ 150 މިލިއަން ޑޮލަރު ނަގައި، ކުރީ ސަރުކާރުން އެ ފައިސާ ދިޔައީ ރޯލްއޯވާ ކުރަމުންނެވެ.

މި ސަރުކާރުން 2024 ވަނަ އަހަރު 50 މިލިއަން ދެއްކުމަށްފަހު، މިދިޔަ މެއި 11 ގައި އިތުރު 50 މިލިއަން ދައްކާފައިވާއިރު، އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމުގެ ސުންގަޑިއަކީ މާދަމާ، 17 ސެޕްޓެމްބަރެވެ.