ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް) ކަޕްގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބާއި ވެމްކޯއިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.
މިއަހަރުގެ ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގެ ފައިނަލް ބުރުގައި ދެ ޕޫލެއްގައި އަށް ޓީމެއް ވާދަކުރަމުން ދެއެވެ. ޕޫލް އޭގައި ހިމެނެނީ ޕޮލިސް ކްލަބާއި ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަދި ހުރާ ކޮމިއުނިޓީ ކްލަބެވެ.
ޕޫލް ބީގައި ހިމެނެނީ ކްލަބު ވެމްކޯއާއި އަދިގަ ސްޕޯޓްސް ކްލަބުގެ އިތުރުން ފްލެކްސޯ ސްޕޯޓްސް ކްލަބު އަދި ސިޓީ ފްރެންޑްސް ކްލަބެވެ.
ވެމްކޯއިން ކުޅުނު ފުރަތަމަ މެޗުގައި އަސްދިގަ ކައިރިން ސީދާ ތިން ސެޓުން މޮޅުވި އިރު، ޕޮލިސް ކްލަބުން ވަނީ ގުޑް ގޭމްސް ކައިރިން ސީދާ ތިން ސެޓުން މޮޅުވެފައެވެ.
ވެމްކޯގެ ދެވަނަ މެޗުގައި އިއްޔެ ފްލެކްސޯ ކައިިރިން މޮޅުވީ 3-1 ސެޓުންނެވެ. ވެމްކޯއިން މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން 25-20 އިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓު ފްލެކްސޯއިން ގެންދިޔައީ 25-22 އިންނެވެ. ވެމްކޯއިން ދެން ޖެހިގެން އައި ދެ ސެޓު 25-22 އަދި 26-24 އިން ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕައްޓިޔާ ޖުއާންޖަންއެވެ.
ޕޮލިސް ކްލަބުން ދެވަނަ މެޗުން ރޭ މޮޅުވީ ވޮލީބޯލް ޔޫތު އެންޖީއާ ދެކޮޅަށް ކުޅެ، 3-2 ސެޓުންނެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގައި ޕޮލިސް ކްލަބުން 25-15 އިން ފުރަތަމަ ސެޓު ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔައީ 25-22 އިންނެވެ.
އަނެއްކާވެސް މެޗުގެ ތިންވަނަ ސެޓު، 25-12 އިން ގެންދިޔަ ނަމަވެސް ހަތަރު ވަނަ ސެޓު ޔޫތު ނިއު ޖެނެރޭޝަން އިން 26-28 އިން ގެންގޮސް ފަސްވަނަ ސެޓަކަށް މެޗު ގެންދިޔައެވެ. ފަސްވަނަ ސެޓު ވާދަވެރިކޮށް ގޮސް، ޕޮލިހުން ކާމިޔާބުކުރީ 15-12 އިންނެވެ.
ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގެ ދެ މެޗު މިއަދާއި މިރޭވެސް އޮންނާނެއެވެ. މިއަދު ހަވީރު އޮންނަ މެޗުގައި ޖީޖީ ސްޕޯޓްސް ހުރަޔާ ދެކޮޅަށް ނުކުންނަ އިރު، މިރޭ އަސްދިގަ ނުކުންނާނީ ސިޓީ ފްރެންޑްސްއާ ދެކޮޅަށެވެ.
ވީއޭއެމް ކަޕް