މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް ވެމްކޯ އާއި ކްލަބް އެމްޓީސީސީ ކުރިމަތިލާން ޖެހިއްޖެއެވެ.

ޖުމުލަ އަށް ޓީމާއެކު ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުން އެމްޓީސީސީއާއި ވެމްކޯ ޖާގަ ހޯދީ އިއްޔެއާއި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ވީއޭއެމް ކަޕްގެ ގްރޫޕް ސްޓޭޖު ކުރިއަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހުރާ ކޮމިއުނިޓީ ކްލަބާއި ޕޮލިސް ކްލަބުގެ އިތުރުން ސިޓީ ފްރެންޑްސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ހިމެނުނު އިރު، ގްރޫޕް ބީގައި ހިމެނުނީ ކްލަބު ވެމްކޯއާއި، ކްލަބު އެމްޓީސީސީއާއި ޖީޖީ ސްޕޯޓްސް އެކަޑެމީގެ އިތުރުން ރާއްޖެ ވޮލީ ކްލަބެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހުރައިން އެމްޓީސީސީއާ ދެކޮޅަށް ނުކުތް އިރު، އެމްޓީސީސީން މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ހުރައިން 25-23 އިން ގެންދިޔަ ނަމަވެސް އެމްޓީސީސީން ވަނީ ދެވަނަ ސެޓު، 25-15 އިން ގެންގޮސް މެޗަށް އަނބުރާ ވަދެފައެވެ. އެހެން ނަމަވެސް އޭގެފަހުން 25-20 އިން އަނެއްކާވެސް ހުރައިން ސެޓު ގެންދިޔުމުން މެޗު ފަސްވަނަ ސެޓަށް ދިޔައީ އެމްޓީސީސީން ހަތަރު ވަނަ ސެޓު، 25-15 އިން ގެންދިޔުމުންނެވެ. ޓައި ބްރޭކް ސެޓު އެމްޓީސީީސީން ގެންދިޔައީ 15-12 އިންނެވެ.

އެމްޓީސީސީން ހުރައާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މުބާރާތުގެ ދެވަނަ ސެމީ ފައިނަލް ރޭ ކުޅެފައިވާ އިރު، އެމެޗުގައި ވެމްކޯއިން ވަނީ ސީދާ ތިން ސެޓުން ޕޮލިސް ކްލަބު ބަލިކޮށްފައެވެ. ވެމްކޯއިން ސެޓުތައް ގެންދިޔައީ 25-21، 25-19 އަދި 25-12 އިންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެމްކޯއާއި އެމްޓީސީސީ ވާދަކުރި މެޗު ވެމްކޯއިން ކާމިޔާބު ކޮށްފައިވާ އިރު، ދެޓީމުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:30 ގައެވެ. ހުރައިން ޕޮލިސް ކްލަބާ ދެކޮޅަށް ކުޅޭ ތިންވަނަ ހޮވާ މެޗު އޮންނާނީ މިއަދު ހަވީރު 4:15 ގައެވެ.