ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި 1-0 އިން ރެއާލް ބެޓިސް ކައިރިން ބަލިވެއްޖެއެވެ.

އާ ކޯޗު ޖޯސޭ މޮރީނިއޯއާއެކު މިހާތަނަށް ފޯމު ރަނގަޅުކޮށް ފެނިގެން ގޮސްފައިވާ ރެއާލުން ރޭ ވި ބައްޔަކީ މިސީޒަނުގައި އެޓީމާ ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގެ ފަހު ވަގުތުކޮޅު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ތެރޭގައި ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އަދި ކާލޮސް އެސްޕީ، ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އެއީ ގޯލެއް ނޫން ކަމަށް ނިންމީ އޮފްސައިޑް ކަމަށް ބަލައިފައެވެ.

ރެއާލުން މެޗު ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. ރަނގަޅު ފުރުސަތުތައްވެސް އެޓީމުން ތަނަވަސްކުރަމުން ގޮސްފައިވާ އިރު، ޑީން ހައުސަން ފޮނުވާލި ހަމަލާ ބެޓިސްގެ ކީޕަރު އަލްވާރޯ ވަޔޭސް މަތަކުރިއެވެ. އޭގެ އިރުކޮޅެއްފަހުން ވިނީޝިއަސް ޖޫނިއާއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ހުސްކޮށް އޮވެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

އޭގެފަހުންވެސް ނުރައްކާ ކުރަމުން ގޮސް، ކިލިއަން އެމްބާޕޭ ފުލުފުލުގައި އުފެއްދި ދެ ހަމަލާއެއް ބެޓިސްގެ ނޭތަންއާއި މާކް ބާޓްރާ ވަނީ ބްލޮކް ކޮށްފައެވެ. އަދި ހާފު ނިމުމުގެ ކުރިން ކޯނަރަކަށް އަރައި ހައުސަން ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފަށް ކުޅެން ނުކުތް ބެޓިސްގެ ޓްރޯ ޕަރޮޓް އެޓީމަށް ގޯލް ޖަހައިދިނީ 81 ވަނަ މިނެޓުގައެވެ. އެ ގޯލާއެކު ރެއާލުން އަނެއްކާވެސް އިތުރު ހިތްވަރެއްލާ އެންމެ ފަހުވަތުގާ ހަމައަށްވެސް ގޯލަކަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ފަހުކޮޅުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވެ، އެޓީމަށް ޕޮއިންޓެއް ހޯދޭނެ ގޮތެއް ނުވިއެވެ.