ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވަނިކޮށް މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައް ކުރާ މީހުން އަހަރެމެންގެ މުޖުތަމައުގައި އުޅޭކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.

"މިފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހާމެ ހިތްދަތިވާ ކަމެކެވެ. ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހާ ފަރާތްތަކަށް ގޮވައިލަމެވެ..،" ހުތުބާގައި ބުންޏެވެ.

ދާދިފަހުން ހިނގި އެކްސިޑެންޓުގައި ނިޔާވި ނުވަ އަހަރުގެ ކުއްޖާ އާއި ފުލެޓަކުން ވެއްޓި ނިޔާވި ދެ އަހަރުގެ ކުއްޖާއަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވަމުން ހުތުބާގައި ވަނީ، ކުޑަކުދީންނަކީ ނަރަކައިން ސަލާމަތްކުރުމަށް އަމުރުވެވިފައިވާ އަހުލުންގެ ތެރެއިންވާ ބައެއްކަން ފާހަގަކޮށްފައެވެ.

ހުތުބާގައި އިތުރަށް ބުނީ އަހަރެމެންގެ ލޮލުގެ ފިނިކަމުގެ ގޮތުގައިވާ ކުޑަކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުންތަކެއް ކަމަށެވެ. އަދި ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށް ހުތުބާގައި ބުންޏެވެ.