މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތްކުރާންވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި މުދާ ހޯދާއިރު ހިޔާނާތްތެރިވުމާއި ފޭރުމާއި ވައްކަންކުރުމާއި ރިޝްވަތުދިނުމާއި ޓެކުމާއި ރިބާގެ މުއާމަލާތުކުރުމާއި ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވައިފައިވާ ކަންކަން ކަމަށެވެ.
"މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި މުދާ ހަލާކު ކުރުމާއި ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫން. މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ. ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހެނީ ކިތައް ފަހަރުތޯއެވެ؟ މި ފަދަ ކަންކަމާ މެދު ވިސްނައި، އަހަރެމެންގެ އަމަލުތައް މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާ ކުރާށެވެ!." ހުތުބާގައި ބުންޏެވެ.
މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ހައްގުތަކެއް ވެސް ﷲ ލައްވައިފައިވާ ކަމަށެވެ. ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައް ވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ހައްގުތަކުން އެމީހުން މަހުރޫމުކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.
އަހަރެމެންނަށް ދެއްވައިފައިވާ ނިއުމަތްތަކާ މެދު ގިޔާމަތް ދުވަހުން ސުވާލު ކުރެއްވޭނެ ކަމަށާއި އިސްރާފު ކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހަރަދު ކުރުންކަން ހުތުބާގައި ބުންޏެވެ. އެހެންކަމުން މާތް ﷲ ހަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެންނެއް ނުވާ ކަމަށާއި އިސްރާފުކުރުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވައިފައިވާ ކަމެއްކަން ހުތުބާގައި ބުނެފައިވެއެވެ.
އޭގެ އިތުރުންވެސް ދިރިއުޅުމުގެ ކަންތައްތަކާއި އާއިލާގެ ހަރަދު ބެލެހެއްޓުމުގައި އިގުތިސޯދީ ވިސްނުމަކުން ވިސްނަން ޖެހޭ ކަމަށެވެ. އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ހަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ހަރަދުކުރުން ހިމެނެއެވެ. ދަރަނި ނަގައިގެން ހަރަދުކުރަން ޖެހޭ ހާލަތެއް މެދުވެރި ނުވަނީސް، ދަރަނި ނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭނެ ކަން ހުތުބާގައި ވަނީ ބުނެފައެވެ.
ހައްގު ނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އަދި އިގުތިސާދު ކުރުމާ މެދު ފުންކޮށް ވިސްނާން ޖެހޭ ކަމަށާއި ލިބޭ އެއްޗަކުން އާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި އާއިލާއަށް އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ. އެހެންކަމުން ލިބޭ އެއްޗެއް ހަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރަން ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ފާތިމަތު ލިއުޝާ
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ