މުސްލިމުންގެ އީދުން ފެންނަނީ އެއްބައިވަންތަކަމާއި ފަގީރުންނާއި މުއްސަނދިންގެ މެދުގައިވާ ރަހުމަތްތެރިކަން ކަމަށް ފިތުރު އީދު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ އީދު ހުތުބާގައި ބުނީ ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް ގޮވާލާ ކަމަށާއި ކޮންމެ މީހަކު ވެސް، އަނެކާގެ ހައްގުތައް އަދާކުރަން ޖެހޭ ކަމަށެވެ. އަދި މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްގުތައް ކަމަށް ހުތުބާގައި ބުންޏެވެ.

20 މާޗް 2026، ހުޅުމާލެ، ހުޅުމާލެ ފޭސް 2 ގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"މުސްލިމުންގެ އީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުމެވެ. ފަގީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަހުމަތްތެރިކަމެވެ. މާތް اللهއަށް ހަމްދުކޮށް، ސަނާ ދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރެވެ.،" ހުތުބާގައި ބުންޏެވެ.

އީދު ހުތުބާގައި ބުނީ އީދު ދުވަހު ތިބާގެ މޫނުމަތީން ވެސް އުފާވެރިކަން ފާޅުކޮށް، ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތަކުން ހަދިޔާ ބަދަލުކުރަން ޖެހޭ ކަމަށާއި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް ކަމަށެވެ.

20 މާޗް 2026، ހުޅުމާލެ، ހުޅުމާލެ ފޭސް 2 ގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"އިސްލާމީ އީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންނެވެ. މާތް اللهއަށް ޝުކުރު ދެންނެވުމަށްޓަކައި ކުރާ، އީދު ނަމާދުންނެވެ. މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެއެވެ. އިސްލާމީ އީދަކީ އެކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިހުތިފާލެކެވެ. އެހެން ނަސްލުތަކުގެ މުސްލިމުން ވެސް އީދުގެ އުފަލުގައި ބައިވެރިކުރާންވާނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ރޯދައަކީ ތަރުބިއްޔަތުގެ މަދަރުސާ ކަމަށާއި އިސްލާމްދީނަކީ، އެ ދީނުގެ ޝިއާރުތަކުގެ ތެރެއިން، ބަދަހި މުޖުތަމައެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެއް ކަމަށެވެ. އަދި އެ ތަމްރީނުގެ އަމާޒަކީ، ދީނުގެ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަހުވަންތަކުރުން ކަމަށް ހުތުބާގައި ބުންޏެވެ.