ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރެއާލް ސޮސިއެދާދު ކައިރިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ރެއާލުން ރޭ އަމިއްލަ ދަނޑުގައި ސޮސިއެދާދު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ އެނބުރި އައި ކޯޗު ޖޯސޭ މޮރީނިއޯ ކްލަބާ ހަވާލުވިފަހުން އެޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ފުރިހަމަ މޮޅަކާއެކު ރެއާލަށް ރޭގެ ނަތީޖާ ވެގެންދާނީ އުންމީދީ ނަތީޖާއަކަށެވެ.
މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، ރެއާލްގެ އެޓޭކުން ދިޔައީ ނުރައްކާ ބޮޑުކުރަމުންނެވެ. ހެޓްރިކް ހެދި ކިލިއަން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާއަށް ކުރީކޮޅުގައި ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އިރު، ހާފު ނިމެން ދަނިކޮށް ރެއާލުން ލީޑު ނެގިއެވެ.
މެދުތެރެއިން ފެޑެރީކޯ ވަލްވާޑޭ ދުއްވާލި ބޯޅަ، އެމްބާޕޭ އަރިމައްޗަކަށް ޖައްސާލައި އަމާޒުކޮށްލީ މަތީ ކަނަށެވެ. އެ ގޯލާއެކު ރެއާލުން ލީޑު ނެގިތާ މާގިނައިރެއް ނުވެ، އެޓީމު ކޮޅަށް ސޮސިއެދާދުންވެސް ނުރައްކާ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މިކޭލް އޮޔަޒަބާލް ފޮނުވާލި ހަމަލާ ރެއާލް ކީޕަރު ތިބޯ ކޯޓުއާ މަތަކުރިއެވެ.
އޭގެފަހުން ސާޖިއޯ ގޮމޭޒްގެ ހަމަލާ އަރިމަތިން ބޭރަށް ދިޔަ އިރު، ހާފު ނިމެން ދަނިކޮށް ލޫކާ ސުކިޗް ވަނީ މެޗު އެއްވަރުކޮށްފައެވެ.
ދެވަނަ ހާފަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއެކު ރެއާލުން ނުކުތް އިރު، މާކް ކުކުރޭޔާ ބަދަލަކަށް ނެރެފައިވެއެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ އޭނާގެ ދެވަނަ ގޯލް ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. އޭގެ އަށް މިނެޓް ފަހުން ބެލިންހަމްގެ އިތުރު ބޯޅައެއްގައި ވިނީޝިއަސް ވަނީ ރެއާލްގެ ތިންވަނަ ގޯލް ޖަހައިފައެވެ.
މެޗުގައި އެމްބާޕޭ ހެޓްރިކް ފުރިހަމަ ކުރީ 80 ވަނަ މިނެޓުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ކޮމެންޓް