ރިސޯޓުތަކަށް ލިބޭ އާމްދަނީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަންޖެހޭ ޑޮލަރުގެ ނިސްބަތް 20 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ބިލާ މެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި ނިސްބަތް ފަހުން 100 އިންސައްތައަށް ބަދަލުކުރުމެވެ. އަދި ފައިސާ ޖަމާކުރަންޖެހޭ މުއްދަތު ކުރުކުރުމަށް ހުށަހެޅުން ފަދަ ފިޔަވަޅުތަކެއް ކުއްލި ގޮތަކަށް އަދި މަޝްވަރާކުރުމެއް ނެތި އެޅުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ އެމްއެމްއޭއަށް ވިއްކަން މަޖުބޫރުކުރުމަކީ އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ސިޔާސަތެއް ކަމަށެވެ. ގިނަ ރިސޯޓުތަކަކީ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓްމަންޓުތަކެއް ކަމަށާއި، އެ ތަންތަނުން ޑޮލަރުން ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އަންނަނީ ފައިދާ ލިބޭތީ ކަމަށާއި، އެ ފުރުސަތު ހަނިކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ދިގުމުއްދަތުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ނަމުގައި ސަރުކާރުން މި ބަދަލު ގެންނަން އުޅުނު ނަމަވެސް، މިއީ ހައްލެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ބުނި ގޮތުގައި، ބޭންކުތަކާއި އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު މާރުކުރުމަކީ އިތުރު އެއްވެސް ޑޮލަރެއް އުފެދޭނެ ކަމެއް ނޫނެވެ. އެމްއެމްއޭއަށް ލިބޭ ޑޮލަރު ދޫކުރަނީ ސަރުކާރަށް ކަމަށާއި، އެ ފައިސާ ބޭނުންކުރަނީ ސަރުކާރުގެ ހަރަދުތަކަށް ކަމަށް ބަޔާނުގައިވެއެވެ.

ރައްޔިތުންނާއި ވިޔަފާރިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ނުލިބޭނަމަ، މި ބަދަލުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ލުޔެއް ނުލިބޭނެ ކަމަށާއި، އޭގެ ބަދަލުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. މީގެ އިތުރުން، ސަރުކާރުގެ އިސްރާފު ބޮޑު ހަރަދުތަކާއި އިގުތިސާދީ ގޯސް ސިޔާސަތުތައް އިސްލާހުނުކޮށް، ޑޮލަރު ލިބޭ ސިނާއަތްތަކުގެ ބޮލުގައި މިކަމުގެ ބުރަ އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ފާހަގަކުރިއެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ ބިންގާ ކަމަށްވާ އިރު، މިއީ ދައުލަތަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ އަދި އެތައް ހާސް ބައެއްގެ ވަޒީފާއާ ގުޅިފައިވާ ސިނާއަތެވެ. އެހެންކަމުން، މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން އެ މުވައްޒަފުންގެ ވަޒީފާތަކަށް ނުރައްކާވެދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ސަރުކާރުގެ ނާކާމިޔާބީގެ އަގު ރިސޯޓު މުވައްޒަފުންނާއި އާންމު އިގުތިސާދުން ދައްކަން ނުޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ، އިގުތިސާދުގެ ތެރެއަށް ބުރަ ބޮޑުކުރުމުގެ ބަދަލުގައި މައްސަލައިގެ އަސްލު ހޯދައި މާލީ ސިޔާސަތުތައް އިސްލާހުކުރުމަށާއި، މިފަދަ ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި ދިގު މުއްދަތުގެ ހަރުދަނާ މާލީ ސިޔާސަތެއްގެ ބަދަލުގައި ގެންނަ މިފަދަ ފިޔަވަޅުތަކަށް ތާއީދުނުކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.