ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބިލު ފާސްކޮށްފައިވަނީ، އެމްއެމްއޭ އިން ކަނޑައަޅައި އާންމު ކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައިގެންނެވެ. އެ ބިލުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ ރޭޓު ދުވަހުން ދުވަހަށް މައްޗަށް ދަމުންދާ ކަމަށާއި، އޭގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ވެސް ބޮޑުވަމުންދާ ކަމަށެވެ. ބޭރު ފައިސާއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް އިޝާރާތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އަމަލުކުރަމުންދަނީ ގޯސް އުސޫލަކުން ކަމަށެވެ.

އަދި މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން މާކެޓުގެ އިތުބާރު ގެއްލި، ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޑޮލަރުގެ ރޭޓު މައްޗަށްދާ ކަމަށް ރިޕޯޓުކުރާ މީޑިއާތަކަށް ދައުވާކުރެވޭ ގޮތަށް ގެންނަ އިސްލާހަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށާއި، އެއީ ހަބަރު ގެނެސްދޭ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިގޮތުގައި، އާންމު މަސްލަހަތާ ގުޅުންހުރި ކޮންމެ ކަމަކަށް ނޫސްވެރިން ފާރަވެރިވާން ޖެހޭނެއެވެ. އަދި ތެދު މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމާއި، ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ވަގުތުން ގެނެސްދިނުމަކީ ގާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ އަގު ބޮޑުވި ނަމަވެސް އަދި ދަށްވި ނަމަވެސް އެކަން މީޑިއާތަކުން ހާމަކުރަން ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމަށް ހުރަސްއެޅޭނެ ފަދަ ގާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި އިސްލާހުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ. އަދި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި އާންމު ކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑްތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތީން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަންވެސް ބިލަށް ވަނީ އާ މާއްދާއެއް އިތުރު ކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެ ވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާ އާއްމުކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.

ރަސްމީ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ، ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ، އެނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަ ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުންވެސް ވަނީ މަނާކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އައި 500000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާކުރުން ކަމަށްވެސް ވަނީ ހިމަނައިފައެވެ.

މި ގާނޫނުގައި މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. ކުށް ކޮށްފައިވަނީ ގާނޫނީ ޝަހުސެއް، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ނަމަ އެފަރާތެއް 100000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވެސް ވަނީ ހިމަނައިފައެވެ.