ގައުމަށް ދިމާވެފައިވާ މައްސަލަތަކުން ރައްޔިތުން ސަލާމަތްކުރުމަށް ހެޔޮ ނިޔަތުގައި ސަރުކާރާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބި ކަމަށް އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގަން "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ އެ ބިލަށްވެސް ތާއީދު ކުރައްވާ ކަމަށެވެ.
އެ ބިލުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަަކަކީ ރާއްޖޭގެ ޓެކްސް ނިޒާމު ފުރިހަމަކުރުމަށްޓަަކައި އިސްލާހުތަކެއްކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، މިފަދަ ގާނޫނެއް ނެތުމުން ބައެއް ދިވެހި ވިޔަފާރިވެރިންނަށް ޑިސްއެޑްވާންޓޭޖްތަކެއް ލިބޭ ކަމަށެވެ.
އެގޮތުން ބޭރުގެ ފަރާތްތަކުން ޖީއެސްޓީ ނުދައްކާ ސަލާމަތްވެވެން އޮންނަކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ މި ބިލުން ހުށަހަޅާފައިވާ އިސްލާހުތަަކަކީ އައިއެމްއެފްގެ ރިޕޯޓްތަކުންވެސް ރާއްޖެއިން ކުރަންޖެހޭ ކަމެއްކަމަށް ކަނޑައަަޅާފައިވާ ކަމެއް ކަމަށާއި އެހެންވުމުން މި އިސްލާހަށް ތާއީދުކުރައްވާނެ ކަަމަށް ޝަމްހީދު ވިދާޅުވިއެވެ.
ނަމަވެސް ޝަމްހީދު ވިދާޅުވީ މި ބިލުގެ މާނަކުރުންތައް ފުޅާވުމުގެ ސަަބަބުން ބައެއް ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
"ނަމަވެސް މި މާނަކުރުން ވަރަށް ބްރޯޑް، މި ގާނޫނު އެޕްލައިވާގޮތުން އަޅުގަނޑުމެން ކަންބޮޑު އެބަވޭ މީގެ ތެރެއަށް ބުކިން ޑޮޑްކޮމް، އަގޯޑާ ކަހަލަ ތަންތަން މީގަ އަގު މި ކަނޑައަޅަނީ ހަމަ ގެސްޓްހައުސް އޮޕަރޭޓަރާ ނުވަތަ ރިސޯޓް އޮޕަރޭޓަރާ، ދެން އެބޭފުޅުން ނަގާ ކަމިޝަނަކުން އަޅުގަނޑުމެން ޓެކްސް ނަގަން އުޅެފިއްޔާ އެ ފައިސާކޮޅު ގެސްޓް ހައުސްއިން އެބޭފުޅުން ނަގަން އުޅެދާނެ. މާނައަކީ އެބޭފުޅުން ކަމިޝަން އެމައުންޓް އޭގެ ތެެރެއަށް އިތުރުކުރުމަކީ އެކަށީގެންވާ ކަމެއް، އޭގެ ސަބަބުން ގެސްޓްހައުސް މާކެޓަށް ބޮޑު އަސަރެއް ކޮށްފާނެ،،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޝަމްހީދު ވިދާޅުވީ އެ އިސްލާހު ގާނޫނަށް ގެންނަންޖެހޭނީ ދާއިރާގައި ހިމެނޭ ފަރާތްތަކާ، ހާއްސަކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، އެބޭފުޅުން އެދެނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުން ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ.
"އެކަމަށް ހަމަ ހެޔޮ ނިޔަތުގައި މަސައްކަތްކުރުމަށް އަޅުގަނޑުމެން މިތިބީ ސަރުކާރާއެކީ ކުރަންޖެހޭކަމެއް ކުރުމަށް ތައްޔާރަށް. އެމްޑީޕީން ކަމެއް ނުކޮށްދީގެން ދިވެހި ރުފިޔާގެ އަގު ވެއްޓިގެންނުދާނެ،" އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް