ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ، މުޒާހަރާއަށް މީހުން ނެރުމަށްޓަކައި ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި މިރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ޑޮލަރުގެ އަގު އުފުލިފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކުގެ ސަބަބުން، ޑޮލަރުގެ ކަޅު ބާޒާރަށް އިތުރު ބާރު ލިބި، ގައުމުގެ އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

"މި ކުރާ މަގުސަދުވެސް އިނގޭ. މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި މި ކަން ކުރަނީ. އެހެންނަމަވެސް ރައްޔިތުންނަށް މި ކަންކަމުގެ ހަގީގަތް އެނގޭނެ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަންކަން ހިނގަމުންދާ ހަގީގީ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ ހިލާފަށް މިހާރު ބޭރުގައި ކިޔަވާ ކުދިންނާއި، ބޭސްފަރުވާއަށްދާ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ދުވަހަކުވެސް ދޫނުކުރާ މިންވަރަށް ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި ކަޅު ބާޒާރު ބޮޑުވަނީ ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވައްދާ ބައެއް ފަރާތްތަކުން ބޭރުގައި ޑޮލަރު ވިއްކާތީ ކަމަށާއި، އެކަމަށް ހިތްވަރު ދެނީ ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފަތުރާ ހަބަރުތަކުންކަމަށް ސައީދު ވިދާޅުވިއެވެ.

"ކަޅުބާޒާރުގައި މި ކަން ކުރަނީ، ބޭންކިން ސިސްޓަމުގެ ތެރެއަށް ޑޮލަރު ނުވައްދާ، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ ފަރާތްތަކުން ވިއްކާތީ. އެ ކަމަށް ހިތްވަރު މި ދެނީ މި ދަންނަވާ ހަބަރުތަކުގެ ސުރުހީތަކާއި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިބި ބޭފުޅުން" ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން މަސް މާރުކޭޓުން ފަށައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހިސާބަށް ކިޔު ދަމާލާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ވެރިކަމުގައި ފުރަތަމަ އަމިއްލަފުޅަށް އެ ބޭފުޅާ ވިދާޅުވީ ކީކެތޯ. އެއިރުގެ އެމްއެމްއޭގެ ދޮރާށިން ފެށިގެން ގޮސް މަސް މާރުކޭޓާ ހަމައަށް ކިޔު ދަމާލާފަ އޮތް ޑޮލަރު ނުލިބިގެން އިނގޭތޯ. ޑޮލަރު ނުލިބިގެން ކިޔު ދަމާލީމާ އެންމެ ފަހުން މި ވިދާޅުވީ ތިމަންނަ މީހާރު މި ނިންމީއޭ ކޮންމެ ޑޮލަރެއްގެ ފަހަތުގަ ފުލުހެއް ބަހައްޓަން. ޑޮލަރު ރޭޓު މި ކުޑަކުރިކަން ދައްކަންވެގެން 10 ރުފިޔާގެ ބޭންޑެއް، ރަސްމީ ބޭންޑަކީ 10 ރުފިޔާއޭ އަޅުގަނޑު ހަނދާންވަނީ، އެހެންވީމާ 10 ރުފިޔާ މި ދެންނެވީ، 15.42 ގެ ރޭޓެއްގެ ވިދާޅުވީމަ ގޮސް އެންމެ މަތީ ބޭންޑުގާއޭ ހަރުލާ އަދި ނިމިގެން ދިޔައިރުގަ ގާތްގަޑަކަށް 17 ރުފިޔާގަ ރޭޓު އެއިރު ހުރީ" ސައީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އަމިއްލަފުޅަށް މަޖީދިއްޔާ ސްކޫލަށް ވަޑައިގެން ޑޮލަަރު އަގު ތިރިކުރާނެގޮތް ދަރިވަރުންނަށް ކިޔައިދީފައިކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް ޑޮލަރުގެ އަގު ތިރިވެފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަޝީދުގެ ސަރުކާރުގައި އިގްތިސޯދު ހިންގަންވެގެން ރާއްޖޭގެ ވައިގެ މައި ބަނދަރު ވަނީ ޖީއެމްއާރް ކުންފުންޏަށް ވިއްކާލާފައިކަމަށް ސައީދު ވިދާޅުވިއެވެ.

"އެއިރުގަ ހަމަ އޯވަނައިޓުން ޖެޓަށް އަޅާ މަތިންދާބޯޓަށް އަޅާ ފިޔުލްތައް އަގުބޮޑުވެގެން މިތަނަށް މަތިންދާބޯޓުތައް ދަތުރު ނުކުރަންވެގެންވެސް ހަމަ އެއިރުގަ އުޅުނީ އިނގޭތޯ. ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލީ. ދިރާގު، ފެން ކުންފުނި މިހެންގޮސް އެތައް ކުންފުންޏެއްގެ ހިއްސާ ބޭރުގެ ފަރާތްތަކައް ވިއްކާލީ" ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ބޭންކްގެ ކާޑުތަކުން ޑޮލަރު ބޭނުންކޮށްފައިވާ މިންވަރަކީ މަހަކު 10 މިލިއަން އެމެރިކާގެ ޑޮލަރު ކަމަށާއި، މިހާރު މަހަކަށް އެ އަދަދު ގާތްގަނޑަކަށް 39 މިލިއަން ޑޮލަރަށް އަރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމްޕޯޓް ކުރާ ފަރާތްތަކަށް ޓީޓީ ހަދައިދިނުމަށް ބީއެމްއެލް މެދުވެރިކޮށް، 2021 ގައި މަހަކަށް އެވްރޭޖްކޮށް ދީފައި ވަނީ 6.7 މިލިއަން ޑޮލަރު ކަމަށާއި، މިހާރު ގާތްގަނޑަކަށް ޓީޓީގެ ގޮތުގައި މަހަކު 27 މިލިއަން ޑޮލަރު ދެމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ދަރިވަރުންގެ ކިޔެވުމަށް 2021 ގައި މަހަކު 1.9 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިހާރު އެ އަދަދު ދެ ގުނަ ބޮޑުވެ، ކިޔަވާ ކުދިންނަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ދޫކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"މި ދަންނަވަނީ 15.42 އަށް ރަަސްމީ ރޭޓުން، އެމްއެމްއޭ އާއި ބޭންކްއިން ދޫކުރާ ޑޮލަރު މިއީ،" ސައީދު ވިދާޅުވިއެވެ.

ބޭސް ފަރުވާގެ ކަންކަމަށް 2021 ގައި މަހަކު ގާތްގަނޑަކަށް 100،059 ޑޮލަރު ދޫކޮށްފައިވާއިރު، މިހާރު އެ އަދަދު ހުރީ ތިން މިލިއަން ޑޮލަރުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ބަލާއިރު، 2021 ގައި ގާތްގަނޑަކަށް މަހަކު 1.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިހާރު މަހަކު 10 މިލިއަން ޑޮލަރު ދޫކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"އީކޮމާސްގެ ދާއިރާއަށް ބަލާއިރު، އެއިރާއި މިހާރާ ބަލާއިރު މިހުރީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައި، އެމްޑީޕީ ސަރުކާރުގައި އެއިރު އޮތް ހާލަތެއް ނޫން މިހާރު މި އޮތީ މިހާރު ޑޮލަރު ދޫކުރާ ގޮތް، ވިޔަފާރިވެރިންނަށް، ކިޔަވަމުންދާ ދަރިވަރުންނަށް، މެޑިކަލްއަށް، ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ބޭންކް ރޭޓްގައި މި ދެނީ، އެމްއެމްއޭއިންވެސް ބީއެމްއެލްއިންވެެސް ދުވަހަކުވެސް މީގެ ކުރިން ޑޮލަރު ދޫކުރާ އަދަދަށް މިހާރު މި ދޫކުރަނީ" ސައީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ހިޔާލީ ގޯތިތަކެއް ރައްޔިތުންނަށް ބަހާލާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައްޔިތުންގެ އަތުގައި ގޯތީގެ ރަޖިސްޓްރީ އޮތްއިރު ބިމެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުގެ މައްޗަށް ލާޒިމުވަނީ ގޯތި ދީފައިވާ ތަންތަން ހިއްކުންކަމަށް ސައީދު ވިދާޅުވިއެވެ. އެއާއެކު އިގްތިސޯދު ހަރުދަނާ ކުރަންވެސް ޖެހޭކަމަށް ސައީދު ވިދާޅުވިއެވެ. މި ސަރުކާރުން ދަނީ ދުވަހުކުވެސް ރަސްމީ ރޭޓުގައި ދޫނުކުރާ ވަރަށް އާންމު ރައްޔިތުންނަށް ޑޮލަރު ދޫކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ.

"ތަކެތީގެ އަގުގެ ވާހަކަ މި ދައްކަނީ. ތަކެތީގެ އަގުގެ ވާހަކަދައްކާއިރު އެންމެ ބޮޑަށް ތަކެތީގެ އަގު ބޮޑުވެގެން ރައީސް ނަޝީދު ނުންތޯ ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މި ވިދާޅުވެފަ ހުންނާނެ ފައިސާ ޗާފުކޮށް އަށް ބިލިއަން ރުފިޔާ ގާނޫނު ސަސްޕެންޑުކޮށްގެން ތިހެން ނުވަތަ ގާނޫނާ، ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑުކޮށްގެން ތިހެން ތިކަން ކުރީމަ ރުފިޔާގެ އަގު ވެއްޓޭނެއޭ" ސައީދު ވިދާޅުވިއެވެ.

ނަޝީދު އެއިރު ހުންނެވީ އެމްޑީޕީއާ ހިޔާލު ތަފާތުވުމުގެ ސަބަބުން ދަ ޑިމޮކްރެޓްސް ކިޔާ ޕާޓީއެއްގައިކަމަށް ސައީދު ވިދާޅުވިއެވެ. އެއިރު ނަޝީދާއި ދަ ޑިމޮކްރެޓްސްއަށް ތާއީދުކުރާ މެންބަރުން އަދި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ބުނަމުން ދިޔައީ ފައިސާ ޗާޕު ކޮށްފިނަމަ 15.42 ގައި ޑޮލަރު ރޭޓު ނުހިފެހެއްޓޭނެކަމަށް ސައީދު ވިދާޅުވިއެވެ.

ރުފިޔާގެ އަގު އެހާވަަރަށް ވައްޓާލާ ނަމަ، އެކަމުގެ ނުރައްކާ ކޮންމެވެސް ހިސާބަކުން ބައްދަލުކުރާނެކަމަށް އެއިރުވެސް ބުނަމުންދިޔަކަމަށް ސައީދު ވިދާޅުވިއެވެ. އެއީ ކޮވިޑް ދުވަސްވަރު ކަމަށާއި، އެ ދުވަސްވަރު ބޭރުން ފައިސާ ލިބެމުން ދިޔަ ކަމަށާއި، އެހެންކަމުން ފައިސާ ޗާޕު ކުރަންނުޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ދުވަސްވަރު ޕްރޮޖެކްޓުތައް ހިންގާފައިވަނީ ފައިސާ ނެތި ފައިސާ ޗާޕުކޮށްގެންކަމަށް ސައީދު ވިދާޅުވިއެވެ.

އެހާ ގައިރު ޒިންމާދާރު ބަޔަކު މުޅިން އެހެން ބަޔަކަށް މިއަދު ވެގެން ވާހަކަ ދެއްކުން ރަނގަޅުނުވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ނަޝީދަކީ، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ 30 އަހަރުގެ ވެރިކަން ދިގުވެގެން އުޅުއްވި ބޭފުޅެއް ކަމަށާއި، ނަމަވެސް ނަޝީދުވެސް ވެރިކަން ކުރަން ބޭނުންވާތާ މިހާރު 30 ވަރަކަށް އަހަރުވެއްޖެކަމަށް ސައީދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޒުވާނަކަށް ފުރުސަތު ނުލިބޭއިރު، މުޅިންވެސް ފެންނަނީ އެއް މޫނުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ހުރިހާ ދައްޗަކާއެކުވެސް 1.3 ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައި ކަމަށާއި، ރަހުނު ކޮށްފައިވާ ސްކޫލްތަށް އަނބުރާ ހޯދައި، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފަށާފައިކަމަށް ސައީދު ވިދާޅުވިއެވެ. އަދި ތިލަފުށި ޕޯޓުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ސައީދު ވިދާޅުވިއެވެ. ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށް ސައީދު ވިދާޅުވިއެވެ.

"މިތާ ކައިރި ބައެއް ގައުމުތަކުގަ ކައްކާ ގޭސް ހުސްވެގެން ދިޔަ ހަނގުރާމަ ފެށުން އިރުގަ، ދިވެހިރާއްޖޭގެ ހުސްވިތޯ. ކައްކާ ގޭސް ނުލިބިގެން ކިޔު ދަމާލާފަ އޮތް މަންޒަރު އަޅުގަނޑުމެންނަށް ޓީވީތަކުން ފެނުނީ މިތާ ކައިރި ބައެއް ގައުމުތަކުގަ" ސައީދު ވިދާޅުވިއެވެ.

އެއާ ހިލާފަށް ރާއްޖެއަށް ބަރާބަރަށް ހަނޑޫ، ހަކުރު ފުށް، އަދި ކަރަންޓުގެ ހިދުމަތް ލިބެމުންދިޔަކަމަށް ސައީދު ވިދާޅުވިއެވެ. އަދި ގޭހާއި ތެލާ ލިބުނުއިރު ގައުމު ބަނގުރޫޓު ނުވެ ހިފަހައްޓާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.