ރާއްޖޭގެ އެންމެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ލޮޖިސްޓިކްސް އަދި އިގުތިސާދީ ހަބެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އެސްޓީއޯ އަދި ޔޫއޭއީގެ ސަރހް ގްރޫޕާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރެއްގެ އިތުރުން، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ފަތުރުވެރިކަމާ ގުޅޭ ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ އުތުރުގައި މިފަދަ މައި މަރުކަޒެއް ގާއިމުކުރުމަކީ ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރެއް ކަމަށާއި، މި އެއްބަސްވުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ.

16 ނޮވެމްބަރު 2026، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ލޮޖިސްޓިކްސް އަދި އިގުތިސާދީ ހަބެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އެސްޓީއޯ އަދި ޔޫއޭއީގެ ސަރހް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. ސަރހް ގްރޫޕް ތަމްސީލުކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހްމަދު އިބްރާހީމް އަލީ މުހައްމަދު އަލްމުތާވާއެވެ.

އަބޫދާބީގެ ސަރހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސަސް އެލްއެލްސީ އަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ޒަމާނީ ބަނދަރެއް ހިމެނޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި މި މަޝްރޫއު ހިންގުމަށް އެ ކުންފުނިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ކަނޑުދަތުރުތަކުގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލް ކައިރީ އިހަވަންދިއްޕޮޅު އޮތުމުން، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ ޖިއޮގްރަފީ ބޭނުން ހިފޭނެ އެންމެ ރަނގަޅު އެއް ސަރަހައްދު ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ހުޅަނގު އުތުރު އަތޮޅުތަކުގައި އިގުތިސާދީ ހަރަކާތް އިތުރުވެ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

16 ނޮވެމްބަރު 2026، އިހަވަންދިއްޕޮޅުގައި ހަދާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ކުރެހުމެއް -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ. އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް މި ތަސައްވުރަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިއީ "ވިޝަން 2040" ގެ ދުރު ރާސްތާ ޕްލޭންގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނީ އެކި ސަރުކާރުތަކުން ކުރީގައި ވެސް އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް، މި އެއްބަސްވުމަކީ އެ ތަސައްވުރު އަމަލީ ސިފައެއް ޖެއްސުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި މަޝްރޫއު ނިންމުމަށް ހަވާލުކުރި މައްދަތެއް އަދި އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ އެންމެ އިސް އަމާޒެއްގެ ގޮތުގައި އޮތީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތުގެ މަންފާ ލިބޭނެހެން މި މަޝްރޫއު ކުރިއަށް ގެންދިއުމާއި، 2040 އާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަންކުރުމެވެ.