ޑޮލަރުގެ މައްސަލަ ހައްލު ކުރުމަކީ ގާނޫނުން، މަރުކަޒީ ބޭންކު އެމްއެމްއޭއާ މަތިކޮށްފައިވާ ކަމެއް ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އޭނާގެ މައްޗަަށް މަޖިލީހަށް މިއަދު ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި، ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސައީދު އެކި ފަހަރުމަތިން ވިދާޅުވި ނަމަވެސް ޑޮލަރުގެ އަގު ދަނީ މައްޗަށް ކަމަށް ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ދެއްވަމުންނެވެ.

ސައީދު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ގާނޫނުން މަތިކޮށްފައި ވަނީ އެ މިނިސްޓްރީއާ ނޫން ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ފޮރިން އެކްސްޗޭންޖާ ބެހޭ ކަންކަން ހިންގުމުގެ ޒިންމާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981ގެ 24 ވަނަ މާއްދާގެ (ހ)ގައި މަތިކޮށްފައި ވަނީ، އެކްސްޗޭންޖް ރޭޓުގެ ނިޒާމް ތަންފީޒުކުރުމަށްޓަކާ އަދި އެކްޗޭންޖު ރޭޓުގެ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ.

އެހެންކަމުން، ޑޮލަރު މައްސަލައިގެ ސުވާލު، ގާނޫނުން އެ ޒިންމާ މަތިކޮށްފައިވާ އެމްއެމްއޭއާ ކުރުމުގެ ފުރުސަތު އެމްޑީޕީގެ ޕީޖީއަށް އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނުން އެކަން އެމްއެމްއޭއަށް މަތިކޮށްފައިވީ ނަމަވެސް އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވުމަށް ބޭނުންވާ ކަން ފާހަގަކޮށް ސައީދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުގައި ބޭންކް ރޭޓުގައި ދޫކުރި ޑޮލަރުގެ އަދަދު 80 ޕަސެންޓް އިތުރުވާނެ ކަމަށެވެ.

އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި، 2021 އިން ފެށިގެން ނޮވެމްބަރު 2023އާ ހަމައަށް އެ ތިން އަހަރު ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރު؛ އެއީ 2021ގައި 253.8 މިލިއަން، 2022ގައި 379.2 މިލިއަން އަދި 2023ގައި 442.56 މިލިއަން ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި މިދިޔަ ތިން އަހަރު ތެރޭ ދޫކުރި ޑޮލަރުގެ އަދަދަކީ 1.9 ބިލިއަން ޑޮލަރު؛ އެއީ 2024ގައި 486.53 މިލިއަން، 2025ގައި 733.82 މިލިއަން އަދި 2026ގެ މިހާތަނަށް 718.53 މިލިއަން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ތެރޭގައި ވިޔަފާރިތަކަށް ދޫކުރި ޓީޓީ، ހައްޖު/އުމްރާ، ބޭރުގައި ކިޔަވާ ދަރިވަރުނަށާއި ސިއްހީ ބޭނުމަށް އަދި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޫކުރި ޑޮލަރު ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.