ބާޒާރުގައި ކެރެޓުގެ އަގު މައްޗަށް ދިޔައީ ސަޕްލައިއަށް ދިމާވި ދަތިކަމެއްގެ ސަބަބުން ކަމަށާއި، އެ މައްސަލަ މިހާރު ހައްލުވަމުންދާ ކަމަށް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު 170 އަށް ވިއްކަމުންދިއުމާ ގުޅިގެންނެވެ. ބާޒާރުގައި އެ އަގުގައި ވިއްކަމުންދިޔަ ނަމަވެސް، އެސްޓީއޯއިން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ.

ކެރެޓުގެ އަގާ ގުޅޭގޮތުން ސައީދު ވިދާޅުވީ، މައްސަލަ ބެއްލެވުމުން އެނގިވަޑައިގެންނެވީ ސަޕްލައި ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް އެ ޝޯޓޭޖުގެ ތެރޭގައިވެސް އެސްޓީއޯއިން ކިލޯއެއް 40 ރުފިޔާއަށް ކެރެޓު ވިއްކަމުންގެންދިޔަ ކަމަށް ފާހަގަކުރެއްވިއެވެ.

ސަޕްލައިގެ ދަތިކަން ކުރިމަތިވި ކުންފުނިތަކުގެ މުދާ މިހާރު ކްލިއާ ކުރެވިފައިވާ ކަމަށާއި އެހެންކަމުން ވިޔަފާރިވެރިން އަގު ބޮޑުކޮށް ނުވިއްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މި ވަގުތުވެސް އެސްޓީއޯއިން އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެސްޓީއޯގެ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނެތް ކަމަށާއި މިވަގުތު ވެސް އެކަށީގެންވާ މިންވަރަށް ސްޓޮކް އެބަހުރި ކަމަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އަސާސީ ކާބޯތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ގޮތް މަގުފަހި ކުރުމުގައި އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެއެވެ.