މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައެވެ.

މި މައްސަލައިގެ ގަރާރު މަޖިލީހުގެ މިއަަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.

މި މައްސަލައަށް މިނިސްޓަރު ސައީދު ޖަވާބު ދެއްވުމަށްފަހު، ބަހުސް ކުރިއަށް ގެންގޮސް ނިންމައި މިނިސްޓަރުގެ އިތުބާރުނެތް ކަމަށް ފާސްކުރަން ނެގި ވޯޓުގައި، މިނިސްޓަރުގެ އިިތުބާރު ނެތް ކަަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެެރެއިން، ޖަލްސާގައި ތިއްބެވި އެމްޑީޕީގެ 10 މެންބަރުން އެކަންޏެވެ.

ސައީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަ ކަމަށް، މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް ހިމެނޭހެން ވެރިކަންކުރާ ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވިއެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަަމަށް ފާސްކުރަން 47 މެންބަރުންގެ ވޯޓު ބޭނުން ވެއެވެ.

މިނިސްޓަރު ސައީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ގާރާރު މަޖިލީހަށް ހުށަހަޅުއްވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ގާނޫނު އަސާސީން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި މިނިސްޓަރު ސައީދު ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން މަތިކޮށްފައިވާ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ މުދަލާއި ފައިސާ ހެޔޮ ގޮތުގައި، ފަރުވާތެރިކަމާ އެކު ބެލެހެއްޓުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު، އެކަންކަމުގައި ތެދުބަހުން މަޖިލީހަށް ޖަވާބުދާރީވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ގަރާރުގައި މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ފާހަކޮށްފައިވާ ދާއިރާތައް:

  • އިކޮނޮކިމް މިނިސްޓަރުގެ މެއިންޑޭޓްގެ ތެރެއިން އިގުތިސޯދީ ރިފޯމްތައް ގެނައުމަށް އެދެވޭ އެއްވެސްް ސިޔާސަތެއް އަމަލީގޮތުން މިއަދާ ހަމައަށް ތަންފީޒު ނުކުުރުމުގެ ސަބަބުން، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް 21 ރުފިޔާއަށްވުރެ މައްޗަށް ދިއުން
  • ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ނާޒުކުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭއްވި އެކި އިންވެސްޓާސް ފޯރަމްތަކަށާއި މަޝްރޫއުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްފައިވުން، އެގޮތުން ދުބާއީ އާއި އިންޑިއާ އާއި މެލޭޝިއާ އާއި ސިންގަޕޫރު އަދި އިނގިރޭސި ވިލާތުގައި ބޭއްވި މިފަދަ ހަރަކާތްތަކަށް ބޮޑެތި ހޭދަ ތަކެއް ކޮށްފައިވާ އިރު، އިންވެސްޓާ ފޯރަމްތަކާއި ރަސްމިއްޔާތުތަކުން ރާއްޖެއަށް ވަތް އެއްވެސް އިންވެސްޓްމެންޓެއްގެ ތަފްސީލް ހާމަކޮށްފައި ނުވާ އިރު، މި ކަންކަމަށް ހިނގި ހަރަދުތައް ހާމަކޮށްފައި ނުވުން
  • އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ފެއިލްވުން
  • އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ