އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލިޔަސް، އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއައުން މުތުލަގަށް މަނާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލް މަޖިލީހަށް ބަލައިގަނެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕިއެންސީ މެންބަރު މުހައްމަދު ދާއޫދެވެ.

މުހިއްމު ބައެއް ބިލުތައް ހުރުމާއެކު މިއަދު ހަވީރާ ހަމައަށް ދިގު ދައްމާލައިގެން ކުރިއަށްގެންދިޔަ މަޖިލިސް ޖަލްސާގައި މި ބިލުގެ އިބުތިދާއީ ބަހުސް ނިންމުމުން މަޖިލީހަށް ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، ބިލް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި، 54 މެންބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީ މެންބަރުންނާއެކު 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިނުގަތުމަށް ވޯޓުދެއްވީ، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.

މަޖިލީހަށް ބިލު ބަލައިގަތުމާއެކު އިތުރަށް ދިރާސާކުރުމަށް، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވުމަށް ޖަލްސާގެ ރިޔާސަތުން ނިންމެވިއެވެ.

އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އައުން ގާނޫނުގައި މިހާރު މަނާކޮށްފައި އޮންނަނީ، 7 އޮކްޓޫބަރު 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދޭން ފެށި ހަަމަލާތައް ހުއްޓަންދެނެވެ.

ނަމަވެސް އެ ގޮތް ބަދަލުކޮށް އިޒްރޭލް ޕާސްޕޯޓްގައި މުތުލަގަށް ރާއްޖެ އައުން މަނާކުރުމަށް، މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށް، މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ރާއްޖެއަށް މީހުން އައުމާއި ރާއްޖޭން މީހުން ފުރުމާ ގުޅޭ ހާއްސަ އަދި އާއްމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖޭން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓް ދޫކުރުމާ ބެހޭ އުސޫލުތަކާއި ބިދޭސީން ރާއްޖެ އައުމާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތަކާއި ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް ފަރާތްތަކާ މެދު އަމަލު ކުރެވޭނެ އުސޫލުތައް ހިމެނޭ ގޮތުން އިމިގްރޭޝަނާ ބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައިވާގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ވަޒީރެވެ. މި ބިލުގައި މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ކަނޑައަޅައިފައެވެ.

އިމިގްރޭޝަންގެ ގާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބަޔާންކޮށްފައި އޮންނަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ.

އޭގެ ބަދަލުގައި މި ބުލުގައި ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް ބަޔާންކޮށްފައިވަނީ އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ.

މި ބިލުގެ 46 ވަނަ މާއްދާގައި ރާއްޖެ އައުމުގެ ހުއްދަ ނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް:

  • ރާއްޖޭގެ ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން
  • ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުން ހުރިކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުން
  • ބައިނަލްއަގުވާމީ ގާނޫނުގައި ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ ނުވަތަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހުން
  • އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ، ނުވަތަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނުން ލިސްޓް ކޮށްފައިވާ މީހުން
  • އެހެން ގައުމެއްގެ އަދުލު އިންސާފަށް ނުވަތަ ތަހުގީގީ އިދާރާއަކަށް ފިލައިގެން އުޅޭ މީހުން
  • އާއްމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ޝައްކު ކުރެވޭ މީހުން ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ނުވަތަ ބައިނަލްއަގުވާމީ ސިއްހަތާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ގައުމަކުން ނުވަތަ ސަރަހައްދަކުން ރާއްޖެއަށް އަންނަ މީހުން
  • ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިނުވާ ނުވަތަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ ނުވަތަ ވަގުތީގޮތުން މެދުކަނޑާލާފައިވާ ނުވަތަ ވަގުތީގޮތުން މެދުކަނޑާލާފައިވާ ގައުމުތަކުގެ ތެެރެއިން ދިވެހި ސަރުކާރުން ކަނޑައަޅާ ގައުމަކަށް ނިސްބަތްވާ މީހުން
  • މި ގާނޫނުގެ ދަށުން ދިވެހި ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކުރެވިފައިވާ މީހުން
  • އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް ރާއްޖޭގެ އިޖުތިމާއީ ނުވަތަ ދީނީ އެއްބައިވަންތަ ކަމަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ކުރާ ނުވަތަ ކުރަން އުޅޭ ކަމަށް ބެލެވޭ މީހުން
  • އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް
  • ރާއްޖެއަށް އައުމުގެ ހުއްދަ ނުދެވޭނެ ކަމަށް ގާނޫނެއްގައި ކަނޑައަޅާފައިވާ ފަރާތްތައް

އިމިގްރޭޝަންގެ ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، އިމިގްރޭޝަންގެ ކަންކަން ހިންގާ ބެލެހެއްޓުމަށް މަދަނީ ވަކި ހިދުމަތެއް ގާއިމުކޮށް، ހިދުމަތުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި އިމިގްރޭޝަންގެ އުސޫލުތަކާ އިޖުރާއަތުގެ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ކުރުން މަނާ ކަންތައްތަކާއި ކުށްތަކާއި އެ ކުށްތަކަށް ކަނޑައަޅާ އަދަބުތަކާއި ޖޫރިމަނާތަކުގެ ތަފްސީލުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.