އިންޑޮނޭޝިއާގެ މަދޫރާ ރަށުގެ ކައިރިން ދަތުރުކުރަމުން ދިޔަ ފެރީއެއްގައި އިއްޔެ ހެނދުނު ރޯވެ، ފަސް މީހުން މަރުވެ 41 މީހުން ގެއްލިއްޖެއެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީ (ބަސާނަސް) އިން ބުނި ގޮތުގައި، "މުޓިއާރާ ސެންޓޯސާ 2" ނަމަކަށް ކިޔާ މި ފެރީގައި ރޯވީ އިރުމަތީ ޖާވާގެ ސުރަބާޔާއިން ފުރައިގެން ދެކުނު ސުލަވެސީގެ މަކައްސަރަށް ދަތުރުކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގިއިރު ފެރީގައި 271 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 232 ފަސިންޖަރުންނާއި 39 ފަޅުވެރިން ކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.

މިހާތަނަށް ކުރިއަށްގެންދިޔަ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި 225 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ. އަދި ގެއްލިފައިވާ 41 މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަތީގައި މިހާރު ވެސް ދަނީ ކުރަމުންނެވެ.

ބަސާނަސް އިން ފާހަގަކުރި ގޮތުގައި، ފެރީގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. އަދި އެކަން ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ފެރީގައި ރޯވުމާ އެކު ބައެއް މީހުން ކަނޑަށް ފުންމާލި ކަމަށާއި އެ މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރި އެހެން ބޯޓު ފަހަރުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މީހުން ހޯދުމުގެ މަސައްކަތަށް ސުރަބާޔާއިން އިތުރު އުޅަނދުތައް ފޮނުވާފައިވާ ކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.