އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އާއި ގަތަރުގެ މަންދޫބުންނާ ދެމެދު ބޭއްވި ބައްދަލުވުމެއްގައި، އިންޑޮނޭޝިއާގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކަށް ގަތަރުން 4 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ނިންމާފައިވާކަމަށް ބުނެފިއެވެ. ޖަކާޓާގެ މަރްދޭކާ ގަނޑުވަރުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ގަތަރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ގައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސައުދު އަލް މުރައިހީއެވެ.
އިންޑޮނޭޝިއާގެ ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދްރާ ވިޖާޔާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އައްސާނީގެ ފަރާތްޕުޅުން ރައީސް ޕްރަބޯވޯއަށް ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި އިންޑޮނޭޝިއާގެ އިގުތިސޯދީ ކުރިއެރުމަށާއި، ހާއްސަކޮށް ސިއްހީ އަދި ތައުލީމީ ދާއިރާގެ އިތުރުން ކުޑަކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް ގަތަރުގެ އަމީރު ތައުރީފުކުރެއްވި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގަތަރުން ކަށަވަރުކޮށްދިން 4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ އިންޑޮނޭޝިއާގެ ކާބޯތަކެތީގެ ޔަގީންކަމާއި، ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ހަބަރުތައް ބުނެއެވެ.
މި އިންވެސްޓްމަންޓަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑޮނޭޝިއާގެ ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް އިންޑޮނޭޝިއާ ސަރުކާރުން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. މި މުނާސަބަތާ ގުޅުވައިގެން، 2026 ވަނަ އަހަރުގެ ފަހުކޮޅު ގަތަރުގެ އަމީރު އިންޑޮނޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
ކޮމެންޓް