އިންޑޮނޭޝިއާގެ ފްލޯރެސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އާއިލާގެ މެންބަރުން ވަކިވެ ދިޔަ ފަރާތްތަކަށް ރައީސް ހަމްދަރުދީ ފާޅުކުރެއްވި ކަމަށެވެ.

މީގެއިތުރުން، ގެދޮރު ގެއްލުނު އާއިލާތައް ހިމެނޭހެން، މި ހާދިސާގެ އަސަރުކުރި އެންމެހާ ފަރާތްތަކާއެކު ރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މީހުން ސަލާމަތް ކުރުމަށާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސް ޖަޒީރާގެ އައްސޭރިފަށަށް މިއަދު ހެނދުނު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި، މަދުވެގެން 47 މީހަކު މަރުވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ މައިކަށި ހުރީ އިރުމަތީ ނޫސާ ތެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީއާ 68 ކިލޯމީޓަރު ދުރުގައެވެ. އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ބުނީ މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 4:58 ގައި ކަމަށެވެ.