އިނގިރޭސިވިލާތުގެ އެންމެެ އަގުބޮޑު ރެކޯޑު މުގުރާލައި ޗެލްސީން އިންގްލެންޑްގެ ތަރި މޯގަން ރޮޖާސްގެ ސޮއި ހޯދައިފިއެވެ.

ޗެލްސީން ރޮޖާސްގެ ސޮއި، 2033 ވަނަ އަހަރާ ހަމައަށް ހޯދި އިރު، އޭނާގެ އަގަކީ 117 ޕައުންޑް ކަމަށް ހަބަރުތައް ބުނެފައިވެއެވެ. އެއީ ސައްހަ އަގު ކަމަށްވާނަމަ ރޮޖާސްވެފައި ވަނީ އިނގިރޭސި ތާރީހުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޗެލްސީއާއި އެސްޓަން ވިލާއިންވެސް ރޮޖާސްގެ ސީދާ އަގު ހާމަކޮށްފައި ނުވާ އިރު، އެ ރެކޯޑު މިފަހަރު ޓްރާންސްފާ ސީޒަނުގައި މެންޗެސްޓާ ސިޓީން އޮތީ މުގުރާލައިފައެވެ.

ވޯލްޑް ކަޕްގެ ތެރެއިން ސިޓީން އެލިއޮޓް އެންޑަސަން ގެންގޮސްފައިވާ އިރު، ހަބަރުތައް ބުނީ އޭނާގެ އަގަކީ 116 މިލިއަން ޕައުންޑް ކަމަށެވެ. އެ ދެ ޑީލް މީޑިއާއިން އަޅާކިޔާފައިވާ އިރު، ބޯނަސްތަކާއެކު ޗެލްސީން ރޮޖާސްއަށް ކުރި ހަރަދު އިތުރަށް ބޮޑުވާނެ ކަމަށް ނޫސްތައް ބުނެއެވެ.

ޗެލްސީން މީގެ ކުރިން އެންމެ އަގުބޮޑުކޮށް ސޮއިކޮށްފައި ވަނީ މޮއިސެސް ކައިސޭޑޯއެވެ. 2023 ވަނަ އަހަރު ބްރައިޓަންއިން ކައިސޭޑޯ ގެންދިޔައީ 115 މިލިއަން ޕައުންޑެވެ.

ޗެލްސީއަށް ސޮއިކުރުމަށްފަހު ރޮޖާސް ބުނީ ޗެލްސީއަކީ ލަންޑަނުގެ އެންމެ ބޮޑު ކްލަބު ކަމަށާއި، އެންމެ ކުޑައިރުން ފެށިގެންވެސް އެ ކްލަބަށް ސަޕޯޓް ކުރަމުންދާ ކަމަށެވެ. އަދި އާ ކޯޗު ޒަބީ އެލޯންސޯއާއެކު ކުރަން އޮތް މަސައްކަތަށް އިތުރަށް ޝައުގުވެރިވާ ކަމަށް ރޮޖާސް ބުންޏެވެ.

އުމުރުން 23 އަހަރުގެ ރޮޖާސްއަކީ މި ސީޒަނަށް އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ. އާސެނަލުން ރޮޖާސް ގެންދަން އެއްބަސްވުމަކާ ހަމައަށް ދިޔަ ތަނާ، ޗެލްސީން އެ ޑީލް ހައިޖެކް ކޮށްފައިވާ އިރު، ރޮޖާސް ވަނީ 125 މެޗުން 31 ގޯލް ޖަހައިގައެވެ. ރޮޖާސް 2024 ވަނަ އަހަރު ވިލާއާއި ގުޅުނީ މިޑްލްސްބްރާއިންނެވެ.

ރޮޖާސް ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އިންގްލެންޑް ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.