އަސްލު ފޮޓޯތަކެކެވެ. އެކަން ޔުނިސެފުން ޔަގީންކޮށްދޭންވެސް ޖެހިއްޖެއެވެ. އާޖެންޓީނާގެ ކެޕްޓަން އަދި ތަރި ލިއޮނަލް މެސީއާއި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްއެކުގައި ނަގާފައިވާ މި ފޮޓޯތަކަށް ހާއްސަ ސަމާލުކަމެއް ހުއްޓިއްޖެއެވެ. ސްޕެއިނާއި އާޖެންޓީނާ ފައިނަލަށް ދިޔަ ހިސާބުން އެ ފޮޓޯތަކަށް ތާޒާކަމެއް އައި ކަހަލައެވެ. މުޅި ސޯޝަލް މީޑިއާ ފުރިއްޖެއެވެ. އެ ފޮޓޯތަކުން އާ މާނައެއް ދޭހަވި ކަހަލައެވެ. މިހާރު އެ ފޮޓޯތައް ބަދަލުކޮށްގެންވެސް ފަތުރެމުން ދަނީއެވެ.

ފޮޓޯތަކުގައި ފެންނަނީ ޔަމާލް އެންމެ ކުޑައިރެވެ. މެސީ ޒުވާން ދުވަސްވަރެވެ. މެސީ ޔަމާލް ފެންވަރުވާ ފޮޓޯތަކުގެ ފުރަގަހުގައި ވަނީ ކޮންކަމެއްތޯ، މިއީ މިހާރު އެތައް ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. ކޮންމެއަކަސް 2024 ވަނަ އަހަރު ޔޫރޯ ތެރެއިންވެސް ފޮޓޯތައް މަޝްހޫރުވުމާއެކު ޔަމާލްގެ ބައްޕަ މުނީރް ނަސްރޫއީ ވަނީ އެ ފޮޓޯ ނަގަން އުޅުނުއިރުގެ މަންޒަރުތަކެއް ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް އޭރުވެސް ގިނަ ބަޔަކަށް ނޭނގި އޮތީ އެއީ އަސްލު ކޮން ކަމެއްގައި ނެގި ފޮޓޯތަކެއް ކަމަށެވެ.

ޔަމާލާއި މެސީގެ ފޮޓޯ ޝޫޓުން ޔަމާލްގެ މަންމަ ޝީލާ އެބާނާވެސް ފެނިގެންދާ އިރު، އެ ފޮޓޯތަކަކީ 2007 ވަނަ އަހަރު ޖޮއާން މޮންފޯޓް ނަގާފައިވާ ފޮޓޯތަކެކެވެ. އެއީ މެސީ އޭރު ކުޅެމުންދިޔަ ބާސެލޯނާ ފައުންޑޭޝަނާއި ޔުނިސެފް ގުޅިގެން ތައްޔާރުކުރި ޗެރިޓީ ކަލަންޑަރަކަށް ނަގާފައިވާ ފޮޓޯތަކެކެވެ. އެ ކަލަންޑަރު 2008 ވަނަ އަހަރު ތައާރަފުކޮށް، 50 ޕަސެންޓް ފައިދާ ހަދިޔާ ކޮށްފައި ވަނީ ކުޑަކުދީންގެ ހައްގުތަކަށް ވަކާލާތުކުރާ ޕްރޮޖެކްޓްތަކަށެވެ.

އެ ކަލަންޑަރަށް އެކި ކުދީންނާއެކު ޒަވީ ހެނާންޑޭޒް، ރޮނާލްޑީނިއޯ، ކާލޮސް ޕުޔޫލް އަދި ސެމިއުލް އެޓޫވެސް ފޮޓޯ ނަގާފައިވެއެވެ.

މެސީ އުމުރުން 20 އަހަރުގައި އެންމެ ހަ މަހުގެ ޔަމާލް ފެންވަރުވާ ފޮޓޯގެ ހިޔާލަކީ މޮންފޯޓްގެ ހިޔާލެކެވެ. އޭނާ ބުނީ ފޮޓޯތަކުން ދައްކުވައިދޭން ބޭނުންވީ ތަރިން ކުދީންނާއެކު އުފާވެރި، ހަމަޖެހިލައިގެން "އިންޓަރެކްޓް" ވާ ވަގުތުކޮޅެއް ކަމަށެވެ. އަދި މެސީ ޔަމާލް ފެންވަރުވާ މަންޒަރުން ދައްކުވައިދޭން ބޭނުންވީ ވީހާވެސް ބޮޑަށް ގާތްކަން ދައްކުވައިދޭ މަންޒަރެއް ކަމަށްވެސް އޭނާ ބުންޏެވެ.

މެސީއާއި ޔަމާލް --- ފޮޓޯ/ ޖޮއާން މޮންފޯޓް

ފޮޓޯތައް މަތިން ހަނދާން ނެތިފައި ތިއްބާ، 2024 ވަނަ އަހަރު ޔަމާލް ބައްޕަ އެއިން ފޮޓޯއަކާއެކު ޕޯސްޓެއް ކުރީ ދެ ލެޖެންޑުންގެ ފެށުން ޖަހާފައެވެ. އެހިސާބުން އަލުން ސަމާލުކަމަށް އައި ފޮޓޯ ވޯލްޑް ކަޕްގެ ފައިނަލަކަށް ހާއްސަވުން ވީ ހުދު މެސީއަށްވެސް ހައިރާން ކަމަކަށެވެ.

"އެ ފޮޓޯތަކަކީ ތަފާތު، ހިތްހަމަ ޖެހޭ ފޮޓޯތަކެއް. އަހަރެމެން ދެމީހުން މިހާރު ވޯލްޑް ކަޕްގައި ކުޅޭ ކުޅުމަކީ ގަބޫލުކުރަންވެސް ދަތިކަމެއް. އެއީ މިހާރު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަބަދުވެސް ޔަމާލަށް އެދެނީ ކާމިޔާބީއަށް. އުމުރުން އެންމެ 19 އަހަރުގައި ޔަމާލަށް އަދި މުސްތަގުބަލު އެބައޮތް. އެކަމަކު މިފަހަރު ޔަމާލަށް ތަށި ނުދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،" ސަޕޯޓަރުންނަށް ބޭއްވި ހާއްސަ އިވެންޓެއްގައި އެންއެފްއެލްގެ ލެޖެންޑް ޓޮމް ބްރޭޑީ ކުރި ސުވާލަކަށް ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

ޔަމާލާއި މެސީއަކީވެސް ބާސެލޯނާގެ ލަ މަސިއާގެ އުފެއްދުންތަކެވެ. މެސީ ކެރިއަރުގައި ހުރިހާ ކާމިޔާބީއެއް ހޯދައި، 39 އަހަރުގައި މިރޭ ނުކުންނަނީ ދެވަނަ ވޯލްޑް ކަޕެއް ހޯދުމަށެވެ. ޔަމާލަށް އަދި 19 އަހަރު ނަމަވެސް އޭނާއަކީ 2024 ވަނަ އަހަރު ސްޕެއިނާއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިއެކެވެ. އަދި މިރޭގެ ފައިނަލް ވެގެންދާނީ ބާސާއަށް ހާއްސަ ދެ ކުޅުންތެރިންގެ ބޮޑު ކުރިމަތިލުމަކަށެެވެ.