ދުނިޔޭ ފުޓުބޯޅައިގެ އެއްވަނަޔާ މެދު ޒަމާންތަކެއް ވަންދެން ބަހުސް ކޮށްފިއެވެ. އަދިވެސް އެ ބަހުސް ދަނީ ކުރިޔަށެވެ. އެއީ ނިމޭނެ ބަހުސެއް ނޫނެވެ. ޒަމާނުއްސުރެން އޮތް ކަމެކެވެ. އެއީ ފުޓުބޯޅައިގައި ދައްކާ ހުސްވާނެ ވާހަކައެއް ނޫނެވެ. އެއީ ފުޓުބޯޅައިގެ ހަގީގީ އުފާވެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ފްރޭންޒް ބެކެންބާއޫއާއި ޔޯހަން ކްރައިފް، ޖޯޖް ބެސްޓާއި ކްރައިފްއިން ފެށިގެން ޑިއޭގޯ މަރަޑޯނާއާއި ޕެލޭގެ ބަހުސަކީ ފުޓުބޯޅަ ސަޕޯޓަރުންގެ ދެމެދު އަބަދުހެން ކުރެވޭ ބަހުސްތަކެވެ. ސޯޝަލް މީޑިއާއާއި މަލްޓިމީޑިއާގެ ޒަމާނުން ފެށިގެން މިއަދާއި ހަމައަށް އައި އިރު، އެ ބަހުސްގެ ފޯރި ވަނީވެސް ގަދައެވެ. މިދިޔަ 20 އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީގެ ބަހުސުގައި އެތައް ބަޔަކު "ދީވާނާ ވެގެން" ދާ އިރު، އެ ބަހުސްތައްވެސް ދަނީ ކުރިއަށެވެ. ވޯލްޑް ކަޕެއް އައިސްފިނަމަ އެ ބަހުސް ބޮޑުވެއެވެ.
އެ ބަހުސްގެ ތެރެއިން ކޮންމެ ވޯލްޑް ކަޕެއް ބިނާވަނީވެސް އެ ދެކުޅުންތެރިންނަށެވެ. ސަޕޯޓަރުން އެންމެ ބޮޑަށް ދެކަފި ވަނީވެސް އެ ކުޅުންތެރިންނަށެވެ. ދެން ވަށައިގެންވާ އެއްވެސް ކަމަކާ އަޅައިލުމެއް ނޯވެއެވެ. ޕޯޗުގަލް ކުޅޭކަން އެނގޭނެއެވެ. އާޖެންޓީނާ ކުޅޭކަންވެސް އެނގޭނެއެވެ. އެ ދެކުޅުންތެރިންނަށް ކުރެވޭ ފޯކަސްއެއްގެ ބޮޑުކަމުން، އެ ދެކުޅުންތެރިންގެ ރެކޯޑުތަކާއި ނަންބަރުތަކަށް ދެވޭ ސަމާލުކަން ބޮޑަވަނީއެވެ. ކޮންމެއަކަސް އިހުތިރާމާއެކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެއީ ދުނިޔެ ދުށް އެންމެ މޮޅު ދެ ކުޅުންތެރިންކަމެވެ. މެސީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ހޯދުމާއެކު، އެއީ ދުނިޔޭގެ އެއްވަނަ ކަމަށް ސިއްކަވެސް ޖެހިގެން ދިޔަ އިރު، ރޮނާލްޑޯ އެ މަސައްކަތް ކުރަނީ އެ ކާމިޔާބީ ހޯދުމަށެވެ.
ދެން އޮތީ މި ޖީލަށް އަލަށް އަންނަ ތަރިންގެ ވާހަކައެވެ. އާލިން ހާލަންޑާއި ކިލިއަން އެމްބާޕޭ އަދި ވިނީޝިއަސް ޖޫނިއާ ފަދަ ތަރިންނަކީ ފުޓުބޯޅައިގެ އަންނާން އޮތް ޖީލެވެ. އެ ޖީލަށް ފައްކާވާ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ހާއްސަވާ އެއް ނަމެއް އަދި އެބައޮތެވެ. ކްލަބު ފުޓުބޯޅައިގެ ވިދުން އެންމެ ގަދަ ނޫން ނަމަވެސް، ފްރާންސްގެ ތަރި އެމްބާޕޭގެ ނަމަކީ ވޯލްޑް ކަޕްގެ ވަކިވަކި ކުޅުންތެރިންގެ ތަފާތު ލިސްޓެއްގައި ހިމެނޭ ނަމެކެވެ. ޕެލޭއާއި މަރަޑޯނާ، މެސީއާއި ބްރެޒިލްގެ ރޮނާލްޑޯގެ ލިސްޓްގައި އެމްބާޕޭ ހިމެނޭނެ ކަމަށް ބުނެވިދާނެއެވެ. އެހެން ނަމަވެސް އެއީ ތަފާތު ގޮތަކަށެވެ. މިހާރު ފެންނަ ނަންބަރުތަކުންނެވެ. ކުޅުމުންނެވެ. ހުނަރުންނެވެ.
ދެން ތިބި ހުނަރުވެރި ކުޅުންތެރިންގެ ފަހަތުގައި ވާ ވާހަކަތަކާއި އެ ކުޅުންތެރިން ފުޓުބޯޅައަށް ގެނެސްދިން އިންގިލާބު ބޮޑުވެދާނެއެވެ. ފްރާންސްގެ ޒައިނުއްދީން ޒިދާން ގެނެސްދިން ތަފާތު މުޅި ގައުމަށް ނުގެނެސްދެވުނު ނަމަވެސް، މި ޖީލަށް އެޅިގެން އައިސް ދެއްކި ތަފާތަކުން އެމްބާޕޭއަކީ ވޯލްޑް ކަޕްގެ އައިކަންއެއް ކަމަށް ބުނެވިދާނެއެވެ. އެއީ މެސީއާއި ރޮނާލްޑޯގެ މަތިން ކަމަށްވެސް ބުނެވޭނެ ޖާގައެއް އެބައޮތެވެ.
ވޯލްޑް ކަޕްގައި އެމްބާޕޭގެ ލެގަސީ ވަރަށް ބޮޑު
ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ބޮޑު ލެޖެންޑަކީ ޝައްކެއް ނެތް ގޮތަށް ބްރެޒިލްގެ ޕެލޭއެވެ. އެއީ ތިން ވޯލްޑް ކަޕްގެ ތަރިއެކެވެ. ގައުމެއްގެ، ޖީލެއްގެ ފުޓުބޯޅައަށް އިންގިލާބެއް ގެނެސްދިނެވެ. 12 ގޯލް ޖެހި އިރު، ދެ ފައިނަލެއްގައި ގޯލް ޖެހިއެވެ. އުމުރުން 17 އަހަރުގައި ތަށި އުފުލައިލައި ގައުމެއްގެ މިސްރާބު ބަދަލުކޮށްލިއެވެ. އެތައް ދުވަހެއް ވާންދެން ބްރެޒިލްގެ ތާރީހު ބަދަލުކޮށްލީ ޕެލޭއެވެ. އެގައުމުގެ ފުޓުބޯޅަ ހައިބަތު ނަގަހައްޓަން ކުރި ދަތުރަކީ އެތައް ކުޅުންތެރިންނެއްގެ ފެށުމެވެ.
ދެން އެ ލިސްޓުން ދެވަނަ މަރަޑޯނާއަށް ދެވިދާނެއެވެ. ހަތަރު ވޯލްޑް ކަޕް ކުޅެ، 1986 ވަނަ އަހަރު ވޯލްޑް ކަޕް ނެގީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހު ދުށް އެންމެ ވަރުގަދަ އިންޑިވިޖުއަލް ޕާފޮމަންސާ އެކުގައެވެ. ޗަރުކޭހާއި ނެށުމެވެ. އެތައް އެތައް މަންޒަރަކާއެކުގައެވެ. އާޖެންޓީނާއަށް ތަށި ހޯދައިދިނީ އޭނާއެވެ.
އެއަށްފަހު ހަ ވޯލްޑް ކަޕް ކުޅުނު މެސީގެ ނަން ގެންނަމާ ހިނގާށެވެ. ފުޓުބޯޅަ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. 2014 ވަނަ އަހަރު މޮޅަށް ކުޅެ އާޖެންޓީނާ ފައިނަލަށް ގެންގޮސްދީ ފެއިލް ވި ނަމަވެސް، 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ތަށި ނެގީ ކެރިއަރު ފުރިހަމަކޮށް، ދެ ރަން ބޯޅަވެސް ހޯދައިގެންނެވެ. ޖުމުލަ 8 ބެލޮންޑިއޯއާއެކު މެސީ ސާބިތުކޮށްދޭން ޖެހޭ އެހެން ކަމެއް ނެތެވެ. ވޯލްޑް ކަޕްގެ ރެކޯޑު ގޯލްޖެހުންތެރިޔަކީ އޭނާއެވެ. 19 ގޯލާއެކުގައެވެ.
ދެން އޮތީ ނަންބަރުތަކަށް ބަލައި އެމްބާޕޭގެ ނަން ގެނައުމެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ގޯލް ޖަހައި، އެމްބާޕޭ ފްރާންސާއެކު އެ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ. އެއީ އެމްބާޕޭގެ ޕްރައިމްއެއް ނޫނެވެ. 2022 ވަނަ އަހަރަކީ އޭނާގެ ޕްރައިމް ކަމަށް ބުނެވިދާނެއެވެ. ފައިނަލަށް ފްރާންސާއެކު ގޮސް ތަށްޓާ ގާތަށް ޖެހިލި ނަމަވެސް މެސީ އެފަހަރު ތަށި ދަމައިގަތީ ފައިނަލުންނެވެ. އެމްބާޕޭ ރަން ބޫޓު ހޯދިއެވެ. ފައިނަލްގައި ތާރީހީ ހެޓްރިކެއް ހެދިއެވެ. އެ ފޯމު އަދިވެސް އެބަހުއްޓެވެ. މިފަހަރު ގޯލްތައް ޖަހަމުން ގޮސް، 18 ހަމަކޮށްފިއެވެ. މެސީއާ ގާތް ކުރީއެވެ. އުމުރުން އެންމެ 27 އަހަރުގައެވެ. ހާލަތު އޮތް ގޮތުން، މެސީގެ ރެކޯޑު ވައްޓާލަންވެސް އެމްބާޕޭއަށް ބޮޑު ފުރުސަތެއް އެބައޮތެވެ.
އެމްބާޕޭއަކީ ވޯލްޑް ކަޕްގެ ނޮކްއައުޓްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. 10 ގޯލާއެކު އެއީ މުހިއްމު ރެކޯޑެކެވެ. އެއީ ފްރާންސަށް އޭނާ މުހިއްމުކަން ދޭހަކޮށްދޭ ސަބަބެއްވެސް މެއެވެ.
ބަޔަކު އެކަންކަމުގައި ދެބަސް ވެދާނެއެވެ. ޒިދާން، 1998 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ހޯދައި، ބޮޑު އުފާވެރިކަމެއް ގެނެސްދިން އިރު، އެއީ ފްރާންސްގެ އެއްވަނަ ކަމަށްވެސް ބުނެވިދާނެއެވެ. އެއީ ބޮޑު ލެގަސީއެއްކަން ޔަގީނެވެ.
ގަރިންޗާއާއި ބެކަންބާއޫ، މިރްސްލާވް ކްލޯސާ އަދި ލޯތާ މަތެއަސް ފަދަ ކުޅުންތެރިންނަކީ ވޯލްޑް ކަޕް ތަރިންނެވެ. އެ ހުރިހާ ކުޅުންތެރިންގެ ތާރީހީ ލިސްޓަށް ލެވޭނެތޯ ގިނަ ބަޔަކު އަބަދުވެސް ސުވާލުކުރާނެއެވެ. ބަހުސްވެސް ކުރާނެއެވެ. އެކަމަކު ހަގީގީ މަންޒަރުގައި، މިހާރު ކުރާ ބަހުސުގައި ވޯލްޑް ކަޕްގެ ލެޖެންޑުން ލިސްޓަށް އެމްބާޕޭ ލާން ޖެހެއެވެ. ު
މެސީއާއި ރޮނާލްޑޯއަށް ސޯޝަލް މީޑިއާއާއި އެހެން ހުރިހާ މީޑިއާއެއްގެ ސަމާލުކަންވެސް ހުއްޓިފައި އޮތް މި ވޯލްޑް ކަޕްގައި، އެމްބާޕޭގެ ނަން ފަނޑުވިޔަ ދީގެން ނުވާނެއެވެ. އެއީ ހަގީގަތެވެ.
"މީހުން އުންމީދު ނުކުރިޔަސް، ޔަގީން ކަމާއެކު ތަފާތު ދައްކާނެ ކުޅުންތެރިއެއް އެބަހުރި. އެއީ އަހަންނަށް ޔަގީންކަމެއް އެމްބާޕޭ ވިދާލާނެ. ވޯލްޑް ކަޕްގައި އެމްބާޕޭ ފަހަތަށް ޖައްސާލަން އުނދަގޫވާނެ،" މިއަހަރު ވޯލްޑް ކަޕްގެ ކުރީން އާސެން ވެންގާ ބުންޏެވެ.
އެއީ ތެދެއްތާއެވެ. އެމްބާޕޭ މާ ބޮޑަށްވެސް ތަފާތެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް