ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޑީ" ގައި އެމެރިކާ އެއްވަނައިގައި އޮތް ނަމަވެސް، އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ދެވަނަ މަގާމަށް ވާދަކުރުމަށް ނޮކްއައުޓް މެޗެއްގެ ގޮތުގައި ޕެރަގުއާއީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗެވެ. އޮސްޓްރޭލިއާ އަދި ޕެރަގުއާއީއަށް ވެސް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އޮސްޓްރޭލިއާއިން މުބާރާތް ފެށީ ތުރުކީއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވެގެންނެވެ. މި މެޗުގައި އެ ޓީމުގެ ވަރުގަދަކަމާއި، އިންތިޒާމުތަކާއި އަދި ތަޖުރިބާ ފެނިގެންދިޔައެވެ. ނަމަވެސް އެމެރިކާ އަތުން ބަލިވުމުގެ ސަބަބުން، ގްރޫޕްގެ ފަހު މެޗުން ރަނގަޅު ނަތީޖާއެއް ނެރުން އޮސްޓްރޭލިއާ ވަނީ މަޖުބޫރުވެފައެވެ. އެއްވަރުކޮށްލައިގެން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކުރެވެން އޮތް ނަމަވެސް، ޕެރަގުއާއީއާ ދެކޮޅަށް ކުޅޭއިރު އެއްވެސް ގޯހެއް ހެދުމުގެ ފުރުސަތެއް ނެތްކަން އިސްޓްރޭލިއާއަށް އެނގެއެވެ.
އަނެއްކޮޅުން ޕެރަގުއާއީ ވަނީ ފުރަތަމަ މެޗުގައި އެމެރިކާ އަތުން ބޮޑު ތަފާތަކުން ބަލިވުމަށްފަހު، ތުރުކީއާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވެފައެވެ. މި ނަތީޖާގެ ސަބަބުން އެ ޓީމުގެ ވޯލްޑް ކަޕްގެ އުންމީދުތައް އާވެ، ފަހު ބުރާ ކުރިމަތިލާއިރު އިތުބާރު ވަނީ ލިބިފައެވެ. ދެކުނު އެމެރިކާގެ މި ޓީމަކީ އެ މީހުންގެ ވަރުގަދަކަމާއި ޑިފެންސްގެ އިންތިޒާމުތަކުގެ އިތުރުން ބޮޑެތި މެޗުތަކުގައި އިދިކޮޅު ޓީމުތަކަށް އުނދަގޫތައް ކުރިމަތިކުރުވުމަށް މަޝްހޫރު ޓީމެކެވެ. ގޯލުގެ ތަފާތުން އޮސްޓްރޭލިއާ ކުރީގައި އޮތުމުން، އިތުރު އިންތިޒާރަކާ ނުލައި ޕެރަގުއާއީއަށް ދެވަނަ ބުރު ކަށަވަރުކުރަން މެޗުން ޖެހޭނީ މޮޅުވާށެވެ.
މެޗުގެ ފޯރިއާއި އެމެރިކާގެ ކުރިއެރުން
މި މެޗުގެ ނަތީޖާ ނުކުންނާނީ ވަރަށް ކުޑަ ތަފާތަކުން ކަމަށް ބެލެވެއެވެ. އޮސްޓްރޭލިއާއިން މަސައްކަތްކުރާނީ އެ ޓީމުގެ ބާރު ދުވެއްޔާއި، ސެޓް-ޕީސްތަކުގެ ފައިދާ ނެގުމަށެވެ. އަނެއްކޮޅުން ޕެރަގުއާއީ އިން މަސައްކަތްކުރާނީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި އޮވެ، މެދުތެރޭގެ ކޮންޓްރޯލު ހޯދައި، އިދިކޮޅު ޓީމަށް ހެދޭ ގޯސްތަކުގެ ފައިދާ ކައުންޓާ އެޓޭކުގައި ނެގުމަށެވެ.
ގްރޫޕް ޑީގައި ކުޅޭ އަނެއް މެޗުގައި އެމެރިކާ ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. ޕެރަގުއާއީ އާއި އޮސްޓްރޭލިއާގެ މައްޗަށް ހޯދި މޮޅުތަކާއެކު އެމެރިކާ ވަނީ ދެވަނަ ބުރުގެ ޔަގީންކަމާއެކު ގްރޫޕުގެ އެއްވަނަ ވެސް ޔަގީންކޮށްފައެވެ. ދެ މެޗުން ބަލިވުމަށްފަހު، ތުރުކީ ކުޅެމުންދަނީ އެ ޓީމުގެ ފަހުރު ދިފާއުކުރުމަށެވެ. އަދި އެ ޓީމުން އުންމީދުކުރަނީ މުބާރާތް ނިންމާލާއިރު ރަނގަޅު ކުޅުމެއް ދެއްކުމަށެވެ.
ނޮކްއައުޓް ބުރަށް ދިއުމުގެ ފަހު ފުރުސަތު
އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ޕެރަގުއާއީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗަށެވެ. މި ދެ ޓީމަށްވެސް މިއީ ހަމައެކަނި ގްރޫޕް ސްޓޭޖުގެ ފަހު މެޗެއް ނޫނެވެ. މިއީ މުބާރާތުގައި ދެމިއޮތުމަށް ކުރާ ހަނގުރާމައެކެވެ. އެއް ނަތީޖާއަކުން ގަދަ 32 ގެ ބުރުން ޖާގަ ލިބިގެންދާ އިރު، އެންމެ ގޯހަކުން ވޯލްޑް ކަޕްގެ ހުވަފެން ނިމުމަކަށް އަތުވެދާނެއެވެ.
ޕެރަގުއާއީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗަށްފަހު ގްރޫޕް ޑީގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދާނެއެވެ. މަޓިއަސް ގަލާޒާއާއެކު ޕެރަގުއާއީގެ ވަރުގަދަކަން ފާހަގަކޮށްލެވޭ އިރު، ނެސްޓޮރީ އިރަންކުންޑާއާއެކު އޮސްޓްރޭލިއާގެ އެޓޭކު ފެންނަނީ ވަރަށް ނުރައްކާކޮށެވެ. ޕެރަގުއާއީއަށް އޮތް އުނދަގުލަކީ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި މިގެލް އަލްމިރޯން އަނގަ ނިވާކޮށްގެން އިދިކޮޅު ކުޅުންތެރިޔާއާ ވާހަކަދެއްކުމުގެ ސަބަބުން ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ ސަސްޕެންޝަންގައި ހުންނަން ޖެހުމެވެ.
މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމެރިކާ ކުރިއަށްދާނެކަން ޔަގީންވެފައިވާ އިރު، ތުރުކީއަށް އެއްވެސް ފުރުސަތެއް ނެތެވެ. އެހެންކަމުން އަސްލު ހަނގުރާމައެއް އޮތީ ޕެރަގުއާއީ އާއި އޮސްޓްރޭލިއާގެ މެދުގައެވެ. މިއީ ހުރިހާ ކަމެއް ގުރުބާންކޮށްގެން، އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރާ ދެ ޓީމެވެ. "ގްރޫޕު ޑީ" ގެ ދެ މެޗު ވެސް ކުޅޭ ރާއްޖޭގަޑިން މާދަމާ ހެނދުނު 7:00 ގައެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް