"ޕާކިސްތާނާއި އަފްގާނިސްތާނުގެ ކުރިމަތިލުމަކި ބްރެޒިލާއި އާޖެންޓީނާ ފަދަ ކުރިމަތިލުމެއް،" ފައިނަލްގެ ކުރިން ބޭއްވި ޕްރެސްގައި މިހާރު އަފްގާނިސްތާނުގައި ހުރި ކޯޗު، ޖޯސޭ އެންޓޯނިއޯ ނޮގުއޭރާ ބުންޏެވެ.

ނޮގުއޭރާއަކީ ބްރެޒިލަށް ނިސްބަތްވާ ކޯޗެކެވެ. އޭނާގެ ހިނގަނީ ބްރެޒިލް ފުޓުބޯޅައިގެ ލެއެވެ. މީގެ ކުރިން 2018 ވަނަ އަހަރު ނޮގުއޭރާ ވަނީ ޕާކިސްތާނުގެ ކޯޗަކަށް މަސައްކަތް ކޮށްފައެވެ. އެ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ނެގި މުބާރާތުގައިވެސް ޕާކިސްތާނުގެ ކޯޗަކީ އޭނާއެވެ. ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ނޮގުއޭރާ މިފަހަރު އަފްގާނިސްތާނު ގޮވައިގެން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

"މީގެ އެބައޮތް އެހެން ކަމެއް، ޕާކިސްތާނާއި އަފްގާނިސްތާނުގެ ކުރިމަތިލުމަކި ބްރެޒިލާއި އާޖެންޓީނާ ފަދަ ކުރިމަތިލުމެއް. އަހަރެމެންނަށް ޕާކިސްތާނާ ދެކޮޅަށް އެއްވެސް ވަރަކަށް ފަސޭހައެއް ނުކޮށްލާނަން. ދެގައުމުންވެސް ބޭނުންވާނީ މޮޅުވާން. އަހަރެމެން ޕާކިސްތާނާ ދެކޮޅަށް ފުރަތަމަ ނުކުތީވެސް ބަލިވާކަށް، ނޫނީ އެއްވަރު ކޮށްލާކަށް ނޫން. ފަސޭހަ ނުކުރިޔަސް ތަފާތަކަށްވީ ޕާކިސްތާނުން އެމެޗުގައި ރަނގަޅު ހާލަތުގައި ގޯލް ޖެހުން،" ނޮގުއޭރާ ބުންޏެވެ.

އެ ވާހަކަ ދައްކަމުން ނޮގުއޭރާ ބުނީ ޕާކިސްތާނުގައި ހުރީވެސް ދެކުނު އެމެރިކާ ކޯޗެއް ކަމަށާއި، އެ 'ޖަޒުބާތު ހުންނަ ކޯޗެއް ހުރުން އެއީ ފައިދާއަކަށް ވާނެ،" ކަމަށެވެ. ޕާކިސްތާނުގެ ކޯޗަކީ ކުރިން ޕެރޫ ގައުމީ ޓީމަށްވެސް ކުޅުނު ނޮލްބާޓޯ ސޮލާނޯއެވެ.

ޕްރެސްގައި ދެގައުމުގެ ވާދަވެރިކަމަށް ސުވާލުކުރުމުން ސޮލާނޯ ހިނިގަނޑަކާއެކު ބުނީ އޭނާއަކީ ބްރެޒިލް ނޫނީ އާޖެންޓީނާ މީހެއް ނޫން ކަމަށެވެ.

"އަހަންނަކީ އާޖެންޓީނާ ނޫނީ ބްރެޒިލް ކޯޗެއްވެސް ނޫން. އަހަންނަކީ ޕޭރޫގެ ކޯޗެއް. އެކަމަކުވެސް ދެން މި ދެގައުމުގެ ވާދަވެރިކަން އެނގޭ. އަހަރެމެންނަށް މިއީ އަނެއްކާވެސް ބޮޑު ޓެސްޓެއް. އަހަރެމެންނަށް މިއީ ޓަފް ޗެލެންޖެއް. އަހަރެމެންނަށް މިއީ އަނެއް މެޗު ނުނިމި އޮތް ބައެއް. އެމެޗުގައި ކުރި ކަންތައް ކުރަން ޖެހޭނީ. މިކަހަލަ މެޗަކީ ޓެންޝަން ބޮޑު ވާނެ މެޗެއް،" ސޮލާނޯ ބުންޏެވެ.

މިއަދުގެ ޕްރެސް ތެރެއިން ނޫސްވެރިޔަކު ސުވާލުކުރުމުން ނޮގުއޭރާ ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕުގައި ބްރެޒިލާ ދޭތެރޭ ދެކޭ ގޮތަށްވެސް ކުޑަކޮށް ވާހަކަ ދައްކާފައެވެ.

"އަހަންނަކަށް ބުނާކަށް ނޭނގެ. އެކަމަކު އެއީ އުނދަގޫވާނެ ކަމެއް. ވަރުގަދަ ބައިވަރު ޓީމު އެބަހުރި. އެކަމަކު ބްރެޒިލް ގަދަ އަށެއް ނޫނީ ސެމީއާ ހަމައަށް ދިޔަޔަސް އަހަރެން ހިތްހަމަ ޖެހޭނެ. އެހެން ބުންޏަސް ވޯލްޑް ކަޕް ނެގުން އެއީ އަހަރެމެންނަށް ބުނެދޭން ނޭނގޭ ޖާދުވީ އިހުސާސަކަށްވާނެ،" ނޮގުއޭރާ ބުންޏެވެ.