ޔޫރަޕް ފުޓުބޯޅަ ތަޖުރިބާ ކޮށްފައިވާ ކުޅުންތެރިންގެ ސަބަބުން ސަރަހައްދީ ފުޓުބޯޅައިގެ ގިނަ ގައުމުތަކަކަށް ފައިދާ ކުރާ ކަމަށާއި، މިހާރު ޕާކިސްތާނަށްވެސް އޭގެ ފައިދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާނުގެ ކޯޗު، ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 9:00 ގައި ނުކުންނާނީ އަފްގާނިސްތާނާއި ޕާކިސްތާނެވެ. އެ މެޗު ވާދަވެރިވާނެ ކަމަށް ދެކޯޗުންގެ ފަރާތުންވެސް ޕްރީ މެޗުގައި ފާހަގަކޮށްފައިވާ އިރު، އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެކޯޗުންވެސް ދެއްކި އެއް ވާހަކައަކީ ޔޫރަޕްގެ ފަސްމަންޒަރުން އަންނަ ކުޅުންތެރިން ޓީމަށް ގެނެސްދޭ ތަފާތުގެ ވާހަކައެވެ.

"(ޔޫރަޕުން އަންނަ ކުޅުންތެރިން) ތަފާތު ދައްކާކަން އަހަރެމެންނަށް ކުރިންވެސް އެނގޭ. އަހަރެންގެ ކެޕްޓަނަކީވެސް އެއީ އޭގެ މިސާލެއް. އޭނާއަށް ނަސީބު ލިބުނު ޔޫރަޕްގެ ފުޓުބޯޅަ ތެރެއިން ކުރިއަރަން. އޭޝިއާގައި މިވާގޮތަކީ ވަރަށް ބޮޑަށް ޓެންޝަން މާހައުލެއް ފުޓުބޯޅަ ތެރޭގައި މި އޮންނަނީ. އެ ކުޅުންތެރިން ގެނައުމަށް ބަލާއިރު ޕާކިސްތާނުން މިދަނީ އެހެން ހަރުފަތަކަށް ދާން އެ މަސައްކަތް ކުރަމުން،" ޕާކިސްތާން ކޯޗު ސޮލާނޯ ބުންޏެވެ.

"އަސްލު ވާގޮތަކީ ޒުވާން ހުނަރުވެރި ކުޅުންތެރިން ކުރިއަރަން އެބަ ބޭނުންވޭ ޕްރޮފެޝަނަލް ލީގު. ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވާން ބޭނުންވާ އެތައް ބަޔަކު ތިބޭ އިރު، އެ ފުރުސަތު ގައުމުތަކުން ތަނަވަސްވާން ޖެހޭ. އެކަން ކުރަން މި މަސައްކަތް ކުރަނީ. އަހަންނަށް އެނގޭ އެއީ ޗެލެންޖެއް ކަންވެސް. އެކަމަކު ފީފާއިންވެސް އަންނަނީ އެކަންކަމުގައި އެހީތެރިވަމުން. އެކަން މި ގައުމުތަކަށްވެސް ކުރެވޭނެ،" އޭނާ އިތުރަށް ބުންޏެވެ.

ދެކުނު އޭޝިއާ ގައުމުތަކުން މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ، ސޮލާނޯ ބުނީ، އެހިސާބަށް މަޑުމަޑުން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަފްގާނިސްތާނުގެ ކޯޗަކަށް މިހާރު ހުރި ޖޯސޭ އެންޓޯނިއޯ ނޮގުއޭރާ، މީގެ ކުރިން ޕާކިސްތާނުގެ ކޯޗަކަށް ހުރި އިރު، އޭނާއަކީ އެ ބަދަލު ޓީމަށް ގެންނަން މަސައްކަތް ކުރި އެކަކެވެ.

"އަހަރެން ޕާކިސްތާނުގައި މަސައްކަތް ކުރީ، މީގެ 7 ނޫނީ 8 އަހަރު ކުރިން. އޭރު އަހަރެން އަލުން ގެނައި ކީޕަރެއް ޔޫސުފް ބަޓަކީ. ދެން އޯޓިސް ހާން. އޭރު ޔޫރަޕްގައި ކުޅޭ ޕާކިސްތާނަށް ކުޅެވިދާނެ ކުޅުންތެރިން ބަލައިލަން ދާން އަހަންނަށް ފުރުސަތު ލިބުނު. އޭރު އަހަރެން ގޮސް އޯޓިސް ހާނަށް ދައުވަތު ދިނިން ޕާކިސްތާނަށް ކުޅެން. އޭނާ އޭރު ވަރަށް ޅަ ވާނެ. އޭރު އޯޓިސް ބުނީ އަހަރެން ކުޅޭނީ އިންގްލެންޑް 23 އަހަރުން ދަށު ޓީމަށޭ. ފަހުންވެސް ބުނިން ޕާކިސްތާނަށް އަންނަން. އޭރު ބެނުން ނުވިޔަސް، އަހަރުތަކެއް ފަހުން އެހެރީ އައިސް. އަދިވެސް އެނގޭ ދެތިން ކުޅުންތެރިން ޔޫރަޕުން ގެނައި،" 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށްވެސް ޕާކިސްތާނާއެކު ދިޔަ ކޯޗު ބުންޏެވެ.

ޕާކިސްތާނު ސްކޮޑުގެ ގާތްގަނޑަކަށް 20 ވަރަކަށް ކުޅުންތެރިން ކުޅެމުން އަންނަނީ ގައުމުން ބޭރުގައެވެ. އަދި އޭގެ ތެރެއިން 10 ވަރަކަށް ކުޅުންތެރިން ޔޫރަޕްގެ ފުޓުބޯޅަ ސިސްޓަމުން އައިސްފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ ވްރެކްސްހެމްއާއި ޑެންމާކުގެ އެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެ ތެރެއިން އޯޓިސް ހާން މިހާރު ކުޅެމުން އަންނަނީ ފަސްވަނަ ޑިވިޝަނުގެ އަލްޓްރިންޗާމްއަށެވެ. އަދި ފޯވަޑް އުމަރު ނަވާޒް ކުޅެނީ ވްރެކްސްހެމްއަށެވެ.

އަފްގާނިސްތާނުވެސް އޮތީ އެކަހަލަ ގޮތަކަށެވެ. 10 ވަރަކަށް ކުޅުންތެރިން ޔޫރަޕްގެ ސިސްޓަމުގެ ތެރޭގައި ތިބި އިރު، ގިނަ ކުޅުންތެރިން ކުޅެނީވެސް ގައުމުން ބޭރުގައެވެ. އޭގެ ތެރޭގައި ވޮޓްފޯޑަށް ކުޅޭ 18 އަހަރުގެ އަމީން ނަބީޒާދީއާއި އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ކުޅޭ މަޒިއާ ކޯޔާރުވެސް ހިމެނެއެވެ. އެއީ ނޮޓްސް ކައުންޓީއަށް ކުޅޭ ކުޅުންތެރިއެކެވެ.

"އަހަރެން އަފްގާނިސްތާނުންވެސް މި ކުރަނީ އެ މަސައްކަތް. އަހަރެން މި ހޯދަނީ ގެންނާނެ އާ ކުޅުންތެރިން. ކެޕްޓަނަށް އެނގޭނެ އެކަންވެސް. މި ޓީމަށްވެސް އަހަރެން މިދަނީ ޒުވާން ކުޅުންތެރިން އިތުރުކުރަމުން. ބަންގްލަދޭޝް އެކަންޏެއް ނޫން ޒުވާން ސްކޮޑެއް އޮތީ. އަހަރެމެންގެ ފަސް ކުޅުންތެރިން 20 އަހަރުން ދަށް. 23 އަހަރުން ދަށުގެ ހަތަރެއް ނޫނީ ފަސް ކުޅުންތެރިން އެބަތިބި. މިއީ މުޅިން އާ ޓީމެއް. ތަޖުރިބާކާރު ކުޅުންތެރިން ތިއްބަަސް، ޓީމުގެ ބޮޑުބައެއް ވަރަށް ޒުވާން،" ނޮގުއޭރާ ބުންޏެވެ.

ރާއްޖޭގެ ކޯޗަކަށް ހުރި އިސްތަވާން އުރުބާނީވެސް މުބާރާތުގެ ތެރެއިން ޕްރެސްއެއްގައި ފާހަގަކުރި އެއް ވާހަކައަކީ ދިވެހި ކުޅުންތެރިން ގައުމުން ބޭރުގެ ތަޖުރިބާތަކަށް ދާން ޖެހޭކަމުގެ ވާހަކައެވެ. ބަންގްލަދޭޝްއިންވެސް ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިން ހޯދަމުން އަންނައިރު، ޔޫރަޕްގެ ތަޖުރިބާއަކީ ސަަހައްދީ ފުޓުބޯޅައަށް އައި ބަދަލުގެ އެންމެ ބޮޑު ދައުރު ކަމަށް ބެލެވިދާނެއެވެ.