ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގައުމީ މަސްލަހަތުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަށް ތާއީދުކޮށް، އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ސެނެޓުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.

ޕީއެންއެފްގެ ސެނެޓަރު އަދި ގާނޫނީ ވަކީލު އަލީ ޝާހު ހުށަހެޅުއްވި އެ ގަރާރު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެނެޓަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ މިސްރާބު "ހުދުމުހުތާރު އަނިޔާވެރި ވެރިކަމަކަށް" ބަދަލުކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވުމާއި، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިގްތިސޯދީ ގޮތުން ގައުމު ފަހަތަށް ގޮސް، ތަކެތީގެ އަގު އުފުލި، އާންމު ދިރިއުޅުން ދަތިވެފައިވާކަން ފާހަގަކޮށް، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި، އިސްރާފު އިތުރުވެފައިވާކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، "އަދަދު" ނޫހުގެ އިދާރާ ރެއިޑްކުރުމާއި، ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާނާއި ލީވާން އަލީ ނާސިރު ހައްޔަރުކޮށްފައިވާތީ އެކަން ޕީއެންއެފްގެ ގަރާރުގައިވަނީ ކުށްވެރިކޮށްފައެވެ.

ގަރާރުގައި ބަޔާންކޮށްފައިވަނީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ޑިމޮކްރަސީގެ ހަމަތައް ފުހެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމާ ގުޅޭގޮތުން ޔާމީން ވިދާޅުވެފައިވަނީ، މި ސަރުކާރުން ނޫސްވެރިންނަށް އަމާޒުކޮށް "ގެގް އޯޑަރެއް" ނެރެފައިވާ ކަމަށާއި، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.

އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރައްވަނީ ސީދާ ރައްޔިތުންގެ ހައްގުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ތިން ރައީސުންގެ މި އިސްލާހީ މަސައްކަތަށް އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ތާއީދުކޮށް ގަރާރެއް ފާސްކޮށްފައެވެ.

ތިން ރައީސުންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ތިން ރައީސުންގެ މައިގަނޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް އަރައިގަތުމާއި، ޝަރުއީ ނިޒާމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުން ކަމަށެވެ.

މީގެ އިތުރުން، އިގުތިސޯދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެމުންދާ ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިން އެތައް މަސައްކަތަކުން ހޯދި ޑިމޮކްރަސީގެ އުސޫލުތައް މުގުރެމުންދާތީ، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް އެ ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރެއްވުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ސަރުކާރުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ސަރުކާރު ނުކުޅެދިފައިވާކަން ތިން ރައީސުން ފާހަގަކުރެއްވިއެވެ.

ތިން ރައީސުން ވަނީ، ކޯޓު އަމުރަކާ ހިލާފުވި ކަމުގެ ދައުވާގައި ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ގުޅިގެން ބޭއްވި އިހުތިޖާޖުތަކުން ހައްޔަރުކުރި މީހުން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ.

އަދި "އަދަދު" ނޫހުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގާ ޝަރީއަތްތައް ހުއްޓާލުމަށްވެސް ވަނީ ގޮވާލައިފައެވެ.