އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިއީ އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތުކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ މަގާމަށް ނަޝީދުއާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށް ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނަޝީދު އަދި އެ މަނިކުފާނުވެސް މިވަގުތު ކުރައްވަންވީ ކަމަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީއަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާ އެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ" ސޯލިހު ވިދާޅުވިއެވެ.

ނަޝީދު ޕާޓީއަށާއި ގައުމަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް އިހުތިރާމް ކުރެއްވި ނަމަވެސް، ޗެއާޕާސަން އިންތިހާބުގައި މީކާއިލްއަށް ތާއީދުކުރަން ނިންމެވީ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށް ވިސްނުމަށްފަހުކަމަށް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް އާ ލީޑަރުން އުފައްދާ ޕާޓީއެއްކަމަށް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން ނަޝީދާ ދެކޮޅަށް އާ ބޭފުޅަކު ނުކުމެ ވަރުގަދަ ކެމްޕޭނެއް ކުރުމަކީ ޕާޓީއަށް ލިބޭ ފަހުރެއް ކަމަށާއި، އެއީ ވޭތުވެދިޔަ 21 އަހަރު ޕާޓީ ދެމިއޮތް ސަބަބުކަމަށް ސޯލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ 40 ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު، އެމްޑީޕީގެ ދަފުތަރުގައި ޒުވާނުންގެ ނިސްބަތް މަދުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޒުވާން ލީޑަރުންނަށް ފުރުސަތު ނުދެވިއްޖެ ނަމަ، ޕާޓީއަށް އޮތް ތާއީދު ކުޑަވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް ސޯލިހު ވިދާޅުވިއެވެ.

މީކާއިލަކީ ޕާޓީ ކުރިއެރުވުމުގެ ސާފު މެނިފެސްޓޯއަކާއެކު ނުކުމެ ހުންނެވި، ވަކި ފަރާތަކަށް ނުޖެހި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ގާބިލުކަން ހުރި ބޭފުޅެއްކަމަށް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަމުގެ ސަބަބުން ދެ ޖީލެއްގެ މޮޅެތި ލީޑަރުންނަށް ގައުމުގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށެވެ. އެފަދަ ކަމެއް އެމްޑީޕީގެ ތެރޭގައި ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭކަމަށް ސޯލިހު ވިދާޅުވިއެވެ.