މި ސަރުކާރަށް ފުރުސަތު ދިން ވަރަކަށް ރައްޔިތުންނަށް ލިބެމުންދާނީ ގެއްލުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ ވައުދުތައް ފުއްދުމުގެ ފުރުސަތު ސަރުރާކަށް ދިނުމަށް ކަމަށެވެ. މި ވެރިކަމަށް ދެ އަހަރާ ބައި ވެގެންދާއިރު ގައުމު އޮތް ހާލަތު ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ ކަމަށާއި، ސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދާފައިނުވާއިރު، ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމެއްގެ މިސްރާބަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންވަނީ ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެ، ސަރުކާރާމެދު ހިތްހަމަނުޖެހިފައިތިބިކަން ދައްކާފައިކަމަށް ސޯލިހު ވިދާޅުވިއެވެ. ރައްޔިތުން މިހާރު މި ސަރުކާރު ބޭނުންނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިއީ ބަދަލުކުރަން ޖެހިފައި ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައި އޮތް ސަރުކާރެއް. މިއީ މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ. އެ ނޫން އެއްވެސް ކަމެއް މިއަދަކު ނެތް އަޅުގަނޑުމެން ކުރަންޖެހޭ. އިތުރަށް ފުރުސަތު ދިން ވަރަކަށް މި ގައުމު ދާނީ ހަލާކުގެ ތެރެއަށް. މިނިވަންކަން ދާނީ ގެއްލިގެން،" ސޯލިހު ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވަނީ ޖަލު ހުކުމެއްގައި ތިބި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައިި، މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ގޮވާލާފައެވެ. އަދި ވަނީ އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންވެސް ދޫކޮށްލަން ގޮވާލާފައެވެ.
މަޖިލީހުގެ މިނިވަންކަންވެސް މިހާރު ނެތް ކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ސޯލިހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު