ސްޕެނިޝް ލަ ލީގާގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑް ކައިރިން 2-0 އިން މޮޅުވެ، އަނެއްކާވެސް ލީގު ކާމިޔާބު ކޮށްފިއެވެ.

މިހާތަނަށް ސީޒަނުގެ ލީގުގައި ބާސާއިން ހޯމްގައި ބަލިވެފައި ނުވާ އިރު، ބާސާއިން ލީގު ޔަގީންކުރީ 35 މެޗުން 91 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލް ދެވަނައިގައި އޮތީ 35 މެޗުން 77 ޕޮއިންޓާއެކުގައެވެ.

މިއީ އެލް ކްލަސެކޯގެ ނަތީޖާއަކުން ލީގު ކަނޑައެޅިގެން ދިޔަ ފުރަތަމަ ފަހަރެވެ. ބާސާއިން 29 ވަނަ ފަހަރަށް ލީގު ޔަގީންކުރި އިރު، އަދިވެސް ލީގު ތަށީގެ ރެކޯޑު އޮތީ ރެއާލް މެޑްރިޑް އަތުގައެވެ. އެއީ 36 ތަށްޓާއެކުގައެވެ. އެހެން ނަމަވެސް 21 ވަނަ ގަރުނުން ފެށިގެން އައި މޮޑާން އެރާގައި ލީގުގައި އެންމެ ކާމިޔާބު ޓީމަކީ ބާސާއެވެ. އެއީ 13 ލީގު ތަށްޓާއެކުގައެވެ. ރެއާލަށް ހޯދުނީ ނުވަ ލީގު ތަށްޓެވެ.

މިރޭގެ ތަށި އެންމެ ހާއްސަވީ ބާސާގެ ކޯޗު ހާންސީ ފްލިކަށެވެ. ފްލިކްގެ ބައްޕަ މިއަދުގެ ވަގުތެއްގައި މަރުވި ނަމަވެސް، ޖަރުމަނަށް ނުގޮސް މަޑުކުރީ މިރޭގެ މެޗަށްފަހު ދިޔުމަށެވެ. މެޗަށްފަހު ފްލިކް ވަނީ އަސަރާއެކު ކުޅުންތެރިންނާއެކު އުފާފާޅުކޮށްފައެވެ.

ރެއާލަށް އެތެރޭގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފައި އޮވެގެން މެޗަށް ނުކުމެފައިވާ އިރު، ނުވަ ވަނަ މިނެޓުގައި ބާސާގެ މާކަސް ރަޝްފޯޑު ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެއީ ހިލޭ ޖެހުމެއް މަތީ ކަނަށް އަމާޒުކޮށްލައިގައެވެ. ރަޝްފޯޑުގެ އެ ގޯލަކީ 2012 ވަނަ އަހަރު ފަހުން އެލް ކްލެސިކޯގައި ހިލޭ ޖެހުމަކުން ޖެހި ފުރަތަމަ ގޯލެވެ.

އޭގެ ނުވަ މިނެޓް ފަހުން ފެރާން ޓޮރެސް ބާސާއަށް ލީޑު ފުޅާކޮށްދިން އިރު، އެ ދެ ގޯލަށްފަހުވެސް ކުޅުންތެރިން ދިނީ ކޯޗު ފްލިކަށް ހާއްސަ ޓްރިބިއުޓެކެވެ.

ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅު ކޮށްލި ނަމަވެސް، ބާސާއިން ވަނީ ހިފަހައްޓާލައިފައެވެ. ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާއެއް ގޯލަށް ވަން ނަމަވެސް، އެއީ އޮފްސައިޑްގައި ހުރެ އޭނާ ފޮނުވާލި ބޯޅައަކުންނެވެ.

އަނިޔާގައި ހުރި ކިލިއަން އެމްބާޕޭއާ ނުލައި ނުކުތް ރެއާލަށް ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، މި ސީޒަން އެޓީމުން ނިންމާލި ހުސް އަތާއެވެ.