މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމުން ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ހޮންގް ކޮންގް ކައިރިން 7-0 އިން މޮޅުވެފައިވާ އިރު، އެމެޗުން ފެނުނީ ޓީމެއްގެ ގޮތުގައި ކުޅުނު މަންޒަރު ކަމަށް ކެޕްޓަން އިމްރާން މުހައްމަދު (އިންމި) ބުނެފިއެވެ.

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދެނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވްއެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ މުބާރާތުގައި ވާދަކުރާނީ އެގައުމާއި ދެކުނު ކޮރެއާ އަދި ހޮން ކޮންގެވެ.

ފުރަތަމަ މެޗުގައި ރާއްޖޭން ދެކުނު ކޮރެއާ ކައިރިން 5-1 އިން ބަލިވެފައި އޮތް ނަމަވެސް، މިއަދު ހޯދީ ރެކޯޑު މޮޅެކެވެ. މީގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި 7-1 އިން ޕާކިސްތާން ބަލިކުރުމެވެ.

ޗައިނާގެ ޔިންޗުއާންގެ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައި ކުރިއަށްދިޔަ މެޗުގައި ރާއްޖޭގެ ގޯލްތައް ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި ޝަނާން ރަޝާދުގެ އިތުރުން މުހައްމަދު ސާދު ނިޒާރެވެ. ސައްޓުއާއި ޝަނާން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

"މުޅި ޓީމު އެކުވެގެން ކުރި މަސައްކަތުން ހޯދުނު މޮޅެއް މިއީ. އެންމެންވެސް ފުރަތަަމަ މެޗުން ބަލިވީމަ މިމެޗުން މޮޅުވާން ބޭނުންވެފައި ތިބީ. ދެން ކޯޗުގެ ޕްލޭނާ ވެސް އެއްގޮތަށް ޓީމު ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް މިއީ،" މެޗަށްފަހު ރާއްޖޭގެ ކެޕްޓަން އިންމި ބުންޏެވެ.

ދުނިޔޭ ފުޓްސަލް ރޭންކިންގެ 118 ވަނައިގައި އޮތް ހޮންގް ކޮންގް ކައިރިން މިއަދު ރާއްޖެ މޮޅުވި އިރު، ދެން ފަހު މެޗުގައި ކުޅެން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާއަކީ ރޭންކިން 84 ވަނަ އެވެ. ޗައިނާއިން އެންމެ ފުރަތަމަ ކުޅުނު މެޗުގައި ހޮންގް ކޮންގް ބަލިކުރީ 4-0 އިންނެވެ.