މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމުން ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ހޮންގް ކޮންގް ކައިރިން 7-0 އިން މޮޅުވެއްޖެއެވެ.
ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދެނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވްއެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ މުބާރާތުގައި ވާދަކުރާނީ އެގައުމާއި ދެކުނު ކޮރެއާ އަދި ހޮން ކޮންގެވެ.
ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިރިން ބަލިވެފައި އޮތް ނަމަވެސް، މިއަދު ރާއްޖޭ ޓީމުން މިވަނީ މިހާތަނަށް މުބާރާތެއްގައި ހޯދި އެންމެ މޮޅު ހޯދައިފައެވެ. މީގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި 7-1 އިން ޕާކިސްތާން ބަލިކުރުމެވެ.
ޗައިނާގެ ޔިންޗުއާންގެ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ރާއްޖޭން ކުޅުނު މެޗުގައި ލީޑު ނެގީ ހޮންގް ކޮންގް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މުހައްމަދު އިމްރާން އިޝާން އިބްރާޙީމް (ސައްޓު)އަށް ދޭން ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.
އޭގެފަހުން ރަނގަޅު ޕްރެސިން މަސައްކަތަކާއެކު ސައްޓު ވަނީ ރާއްޖޭގެ ލީޑުފުޅާކޮށްދީފައެވެ. އެހިސާބުން ރާއްޖޭން މެޗުގެ ކޮންޓްރޯލް ނަގައި، ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭން ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. ޝަނާން ރަޝާދު ޖެހި ބޯޅައެއް ގޯލް ކަނަށް އަމާޒުކޮށްލި އިރު، އެ ގޯލަކީ ޝަނާން ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި މުބާރާތަކީ ޝަނާން ގައުމީ ޖާޒީގައި ކުޅޭ ފުރަތަމަ މުބާރާތްވެސް މެއެވެ.
ދެވަނަ ހާފުގައިވެސް ރާއްޖޭން ފުރިހަމަ ކޮންޓްރޯލްގައި، ކޮންފިޑެންސާއެކު ކުޅެމުން ގޮސްފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ޕަވާޕްލޭ ފެނުނެވެ. ރާއްޖޭގެ ހަތަރު ވަނަ ގޯލް މުހައްމަދު ސާދު ނިޒާރު ކާމިޔާބުކޮށްދިން އިރު، ދެން އަނެއްކާވެސް ފެނުނީ ސައްްޓުއާއި ޝަނާންގެ ގޯލްތަކެވެ.
ދުނިޔޭ ފުޓްސަލް ރޭންކިންގެ 118 ވަނައިގައި އޮތް ހޮންގް ކޮންގް ކައިރިން މިއަދު ރާއްޖެ މޮޅުވި އިރު، ދެން ފަހު މެޗުގައި ކުޅެން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާއަކީ ރޭންކިން 84 ވަނަ އެވެ. ޗައިނާއިން އެންމެ ފުރަތަމަ ކުޅުނު މެޗުގައި ހޮންގް ކޮންގް ބަލިކުރީ 4-0 އިންނެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ކޮމެންޓް