ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބަޔާން މިއުނިކް ކަޓުވާލައި، އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން އަނެއްކާވެސް ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޕީއެސްޖީން ފައިނަލަށް ދަތުރުކުރީ މިރޭ ބަޔާން ދަނޑުގައި ކުޅުނު ދެވަނަ ލެގު 1-1 އިން އެއްވަރުކޮށް، އެގްރިގޭޓް 6-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. ޔޫރަޕްގެ ވަރުގަދަ ދެބާރު ކަމަށްވާ ބަޔާނާއި ޕީއެސްޖީން ކުރިމަތިލި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ފެނުނީ ތަފާތު އެޓޭކިން ކުޅުމެކެވެ.

ޝައުގުވެރި މެޗު ޕީއެސްޖީން ކާމިޔާބުކުރި އިރު، ޕީއެސްޖީ ވެގެން ގޮސްފައި ވަނީ ޖެހިޖެހިގެން ދެވަނަ ފައިނަލަކަށް ދަތުރުކުރުމުގެ ޝަރަފު ހޯދި ހަތްވަނަ ޓީމެވެ. މީގެ ކުރިން ރެއާލް މެޑްރިޑުން ތަކުރާރުކޮށް ޖެހިޖެހިގެން ފައިނަލްތައް ކުޅެފައިވާ އިރު، ދެން އެކަން ކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލްގެ އިތުރުން ޔުވެންޓަސްއާއި އޭސީ މިލާން އަދި ވެލެންސިއާއެވެ.

މި އެރާގައި ޖެހިޖެހިގެން ދެ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ ރެއާލެވެ. ޕީއެސްޖީން އެ ކާމިޔާބީ ހޯދުމަށް ފައިނަލުގައި ވާދަކުރަން ޖެހޭނީ، 20 އަހަރަށްފަހު ފުރަތަމަ ފައިނަލަކަށް ނުކުންނަ އާސެނަލާ ދެކޮޅަށެވެ.

މެޗުގައި ފުރަތަމަ އުފެއްދި ހަމަލާގައި ޕީއެސްޖީން ވަނީ ލީޑު ނަގައިފައެވެ. ޖޯޖިއާގެ ހުނަރުވެރި ކުޅުންތެރިޔާ ހަވީޗާ ކަވަރަޓްސްޝޭލިއާ އަރިމަތިން ނަގައިދިން ބޯޅަ، ގޯލަށް ވައްދާލީ އުސްމާން ޑެމްބެލޭއެވެ.

އޭގެ އިރުކޮޅެއްފަހުން ބަޔާނުން ނުރައްކާ ކުރިއެވެ. އެ ނުރައްކާތަކުގެ ތެރެއިން، އޭރިއާ ތެރެއިން ޕީއެސްޖީގެ ޖުއާއޮ ނެވޭސް އަތުގައި ބޯޅައިން ޖެހުނެވެ. އެއީ ޕެނަލްޓީއެއް ކަމަށް ބަޔާނުން ޝަކުވާ ކުރި ނަމަވެސް، ރެފްރީ ޕެނަލްޓީ ނުދޭން ނިންމީ އެ ބޯޅައަކީ ޕީއެސްޖީގެ ވިޓީނިއާ ފޮނުވާލި ބޯޅައަކަށް ވާތީއެވެ. އެއީ ގަވާއިދުގައި ބުނާ ގޮތަށް ބަލައިގެންނެވެ.

ދެވަނަ ހާފުގައި ދެކޮޅަށްވެސް ހަމަލާ އުފެއްދިއެވެ. ބަޔާންގެ މައިކަލް އޮލީސީގެ ނުރައްކާ ފެނިގެން ދިޔަ އިރު، އަނެއްކޮޅުން ޑިސައިރޭ ޑޫއޯގެ ބާރު ހަމަލާއެއް މެނުއަލް ނޯޔާ މަތަކުރިއެވެ.

ބަޔާނުން ފަހުވަގުތު ފުލުފުލުގައި ނުރައްކާ ކުރުމުގެ ތެރޭގައި ހެރީ ކޭންގެ ގޯލަކުން މެޗު އެއްވަރުކުރި ނަމަވެސް، އެގްރިގޭޓް އެއްވަރު ކުރެވޭ ގޮތެއް ނުވިއެވެ.

އާސެނަލާއި ޕީއެސްޖީން ބުޑަޕެސްޓްގައި ކުޅޭ ފައިނަލް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.