ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެސްޕަނިޔޯލް ކައިރިން މޮޅުވުމާއެކު، ލީގު ހޯދުމަށް ބާސެލޯނާއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ރެއާލުން ރަށުން ބޭރުގައި އެސްޕަނިޔޯލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ރެއާލަށް މޮޅު ނުވެވުނު ނަމަ، ބާސާއަށް ލީގު ޔަގީންކުރުމަށް ފުރުސަތު އޮތެވެ. އެހެން ނަމަވެސް އަދި ބާސާއަށް ވަނީ އިންތިޒާރެއް ކުރަން ޖެހިފައެވެ. އެހެން ނަމަވެސް އަންނަ ހަފުތާ ރެއާލާ ދެކޮޅަށް ބާސާއިން ކުޅޭ އެލް ކްލެސިކޯގައި ޕޮއިންޓެއް ހޯދައިގެންވެސް ލީގު ޔަގީންކުރުމަށް މިހާރު ފުރުސަތު އެބައޮތެވެ.

ބާސާއިން 34 މެޗުން 88 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެވަނައިގައި ރެއާލް އޮތީ 34 މެޗުން 77 ޕޮއިންޓާއެކުގައެވެ. ދެ ޓީމުގެ މެދުގައި 11 ޕޮއިންޓްގެ ފަރަގެއް އޮތް އިރު، އެންމެ ބޮޑު ފަރަގަކުން ލީގު ހޯދުމުގެ ރެކޯޑު ބާސާއަށް އާކުރެވެން އެބައޮތެވެ.

މީގެ ކުރިންވެސް ބާސާ އަތުގައި އެ ރެކޯޑު އޮތް އިރު، އެޓީމުން 2012-13 ވަނަ އަހަރުގެ ލީގު ހޯދީ 15 ޕޮއިންޓްގެ ފަރަގަކުންނެވެ.

ބާސާއަށް ލިގުގައި ބާކީ އޮތް ހަތަރު މެޗުން މޮޅުވެއްޖެނަމަ، 100 ޕޮއިންޓް ހަމަ ކުރުމަށްވެސް ފުރުސަތު އެބައޮތެވެ. އަދި ރެކޯޑު 33 މެޗުން މޮޅުވެގެން ލިގު ހޯދުމަށްވެސް ފުރުސަތު އެބައޮތެވެ.

ރޭ ރެއާލުން ކުޅުނު މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ދެ ގޯލްވެސް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. އެއީ ދެވަނަ ހާފުގައެވެ. އޭގެ ކުރިންވެސް ރެއާލުން ނުރައްކާ ކޮށް މެޗު ކޮންޓްރޯލް ކުރީ އެޓީމުންނެވެ.

ލަ ލީގާގެ މިދިޔަ 97 އަހަރުވީ ތާރީހުގައި އެލް ކްލެސިކޯއަށް ލީގު ކާމިޔާބު ކޮށްފައެއް ނުވެއެވެ. އެހެންކަމުން ބާސާއަށް ވަނީ އެ ތާރީހު ބަދަލުކޮށްލަން ފުރުސަތު ލިބިފައެވެ.