ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާއި ޕީއެސްޖީން ކުޅުނު ސެމީ ފައިނަލް ފުރަތަމަ ލެގުން ޕީއެސްޖީ ކުރި ހޯދައިފިއެވެ.
ރޭގެ ފުރަތަމަ ލެގުގެ މެޗަކީ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީގެ ހޯމްގައި ކުޅުނު މެޗެވެ. އެމެޗުން ޕީއެސްޖީ ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެނުނު އެންމެ ޝައުގުވެރި އެއް މެޗުގައި ނުވަ ގޯލް ފެނިގެން ގޮސްފައިވާ އިރު، ޕީއެސްޖީން މޮޅުވީ ފަހަތުން އަރައެވެ.
މެޗށް ނުކުތްއިރުވެސް މިވަގުތު ޔޫރަޕްގައި އޮތް އެންމެ އެޓޭކިން ރަނގަޅު، ފެންވަރު ރަނގަޅު ދެޓީމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރީ ބަޔާނާއި ޕީއެސްޖީއެވެ. އެ މަންޒަރު މެޗު ތެރެއިން ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ބަޔާނަށް ލިބުނު ޕެނަލްޓީގައި ލީޑު ނަގައިދީފައެވެ. އެއީ އޭރިއާ ތެރެއިން ލުއިސް ޑިއާޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ އިރުކޮޅެއްފަހުން މައިކަލް އޮލީސޭ ފޮނުވާލި ހަމަލާ ރޮނގުމަތިން ސާފުކޮށްލަން ޖެހިފައިވާ އިރު، އަނެއްކޮޅުން މަޑުމަޑުން އެޓޭކް ކުރަން ފެށިއެވެ.
އުސްމާން ޑެމްބެލޭއާއި ހަވީޗާ ކަވަރަޓްސްޝޭލިއާގެ ހަމަލާތަކަށް މަސައްކަތް ކޮށްފައިވާ އިރު، 23 ވަނަ މިނެޓުގައި ކަވަރަޓްސްޝޭލިއާ ގޯލް ޖަހައި މެޗު އެއްވަރުކުރިއެވެ.
ފުރަތަމަ ހާފުގައިވެސް ފަސް ގޯލް ފެނުނު އިރު، އަނެއްކޭވެސް ދެން ގޯލް ޖެހީ ޕީއެސްޖީއެވެ. އެ ކޯނަރެއްގައި ޖޮއާއޯ ނެވޭސް ޖަހައިދިން ގޯލެކެވެ.
އެ ނަތީޖާގައި ހާފު ނިމެން ދަނިކޮށް ދެން ފެނުނީ އޮލީސޭގެ ޖާދޫއެވެ. 41 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ދާގަނޑަށެވެ.
އެހިސާބުންވެސް ނިމުނީކީ ނޫނެވެ. ފުރަތަމަ ހާފުގެ އެންމެ ފަހުވަގުތުގައި، ބަޔާންގެ އޭރިއާ ތެރެއިން އަލްފޮންސޯ ޑޭވީސް އަތުގައި ބޯޅައިން ޖެހުމުން ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. އެއާއެކު ޑެމްބެލޭ ވަނީ އެޓީމަށް ތިންވަނަ ގޯލެއް ޖަހައިދީފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ކަވަރަޓްސްޝޭލިއާއާއި ޑެމްބެލޭ ގޯލްތައް ޖަހައި ޕީއެސްޖީއަށް ބޮޑު ޔަގީންކަމެއް ހޯދައިދިނެވެ. އެހެން ނަމަވެސް ބަޔާން އަނެއްކާވެސް ތަފާތު ދެއްކިއެވެ. ޑަޔޮޓް އުޕަމެކާނޯ ހިލޭ ޖެހުމަކަށް އަރައި ޖެހި ގޯލްގެ އިތުރުން 68 ވަނަ މިނެޓުގައި ޑިއާޒް ވަނީ އޭނާގެ ފެންވަރު ދައްކާލައި އިތުރު ގޯލެއް ޖަހައިފައެވެ.
ކޭން މަތިމަތިން ވައްޓާލި ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލައި، ޑިއާޒް ގޯލަށް ވައްދާލީ ޑިފެންޑަރަށް އޮޅުވާލުމަށްފަހުވެސް މެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު