އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ޕާޓީގެ މިހާރުގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންގެ ތާއީދާއެކުކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް އޭނާގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ ޕާޓީގެ ލީޑާޝިޕްގެ ވަރުގަދަ ތާއީދަކާ އެކުގައި ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އޭނާއަށް ތާއީދު ކުރައްވާކަމަށް މީކާއިލް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ގިނަ މެންބަރުންގެ ތާއީދު ލިބިފައިވާކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރުމުގެ ގޮތުން ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އާއި، މެންބަރު ޑރ. ޝަމްހީދު، މުހައްމަދު އިބްރާހިމް، ޒިޔާދު އަދި މައުރޫފްވަނީ ކެމްޕޭން ލޯންޗިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި، ކުރީގެ މެންބަރު އަލީ ނިޔާޒާއި، ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ އިތުރުން ކުރީގެ މެންބަރު އަހްމަދު ސަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީކާއީލްގެ ކެމްޕެއިންގެ މައިގަނޑު އަސާސަކީ އެމްޑީޕީ "ރޫޅާނުލައި" ޒުވާނުންނަށް ޕާޓީގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ ކުރިން ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ކުރެވުނު މަސައްކަތުގައިވެސް މީކާއީލް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވައެވެ. އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީވެސް ވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
މުހައްމަދު އިޝާން
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް