ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ތިއްބަވައި، "ބޮޑު ބަދަލު"ގެ ނަމުގައި ގާނޫނުއަސާސީއަށް ގެންނަން ހުށަހެޅުއްވި އިސްލާހުތަކަކީ ޕާޓީގެ އާންމު މެންބަރުންގެ އެއްވެސް މަޝްވަރާއެއް ނެތި "މަތިން ތިރިއަށް" އައިސްފައިވާ ކަންތައްތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އޭނާގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާއާއެކު "ތިރިން މައްޗަށް" ސިޔާސަތުތައް ބައްޓަންކުރާ ޕާޓީއެއް ކަމަށެވެ.

ނަމަވެސް، ނަޝީދާއި ފައްޔާޒު ގުޅިގެން އާދިއްތަ ދުވަހު އިއުލާނުކުރި އިސްލާހުތަކަކީ ޕާޓީގެ ގައުމީ މަޖިލީހާވެސް މަޝްވަރާ ކުރުމެއް ނެތި ނިންމާފައިވާ ނިންމުންތަކެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

"މިހާރު ހުށަހެޅިފައި ހުރި ހުށަހެޅުންތައް ފެންނަނީ މަތިން ތިރިއަށް އަންނަ ހުށަހެޅުންތައް. އެ އިޖުރާތު ރަނގަޅު ނޫން ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެފަދަ ބޮޑެތި ނިންމުންްތަކަށް މި ޕާޓީތައްް ދާން ވާނީ އާއްމު މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވި، ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެވި، ކަނޑައެޅިފައިވާ ހުރިހާ ގުނަވަންތަކުގައި އެ މަޝްވަރާ ވަރަށް ރަނގަޅަށް ހިންގި ރާވާ އިންތިޒާމްވެގެން،" މީކާއިލް ވިދާޅުވިއެވެ.

ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރުމާއި، މިނިވަން މުއައްސަސާތައް ބެލެހެއްޓުމަށް އޯވަސައިޓް ކޮމިޝަނެއް އުފެއްދުމުގެ އިތުރުން، ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުން ފަދަ ބޮޑެތި ބަދަލުތައް ހިމެނެއެވެ. ފައްޔާޒު ވިދާޅުވެފައިވަނީ މިއީ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ބަދަލުގައި، ވެރިކަން ހިންގުން ހަރުދަނާކުރަން ހުށަހެޅި "މަސްހުނި ނިޒާމެއް" ކަމަށެވެ.

މީކާއީލް ވަނީ، އެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ފައްޔާޒު އެންޑޯސްކުރެއްވި ނަޝީދުގެ ނިންމެވުމަށްވެސް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޗެއާޕާސަނަކަށް ހުންނަވާ ބޭފުޅަކީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭ "ނިއުޓްރަލް" ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ޗެއާޕާސަންކަމުގައި ޕާޓީ ހިންގާނީ ހަމަހަމަ ފުރުސަތު ދީގެން. ތަފާތު ހިޔާލުތަކުގެ ބޭފުޅުންގެ މަޝްވަރާ ހޯދައިގެން،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، އޭނާގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލިކުރުން ކަމަށާއި، އެކަމަށްޓަކައި ޕާޓީގެ ހުރިހާ ލީޑަރުން އެއްގަލަކަށް އަރުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި އިންތިހާބުގައި ކާމިޔާބުވިޔަސް ނުވިޔަސް، އާންމު މެންބަރުންގެ ނިންމުމަށް އިހުތިރާމްކޮށް ޕާޓީއާއެކު ދެމިހުންނަވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.