ޖުޑީޝަލް ކައުންސިލެއް އުފައްދައި، ޑީޖޭއޭ ޖަވާބުދާރީ ވާން ޖެހޭ ތަނަކަށް އެ ކައުންސިލް ހަދަން ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ސަރުކާރުގެ ދުވަސްވަރު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ޖޭއެސްސީގެ ދަށަށް ޖުޑިޝަރީގެ އެޑްމިނިސްޓްރޭޓިވް ބާރު ބަދަލުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ޝަރުއީ ދާއިރާގެ ކަންކަަމަށް ނުސީދާކޮށް ވިޔަސް، ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިފައި އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން ޖުޑިޝަރީ ރިފޯމް ކުރުމުގެ ތެރެއިން ޖޭއެސްސީގެ ކޮންޓްރޯލްގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުމަށް އިސްލާހު ގެނައުމަށް، އެންމެ ފުރަތަމަ ޖުޑިޝަރީ ގާނޫނު އޮތްއިރުގައި ކޯޓުތަކާ ބެހޭ ގާނޫނުގައި އޮތް ގޮތަށް ބަދަލުކުރަން ވިސްނުން ހުރީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖުޑީޝަލް ކައުންސިލްވެސް އުވާލީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ކަމަށެވެ. ރައީސް ވިދާޅުވީ، އެ ކައުންސިލަކީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭ ފަންނީ ދާއިރާގައި ޓެކްނިކަލް މަޝްވަރާތައް ކުރުމަށް އޮންނަ ކައުންސިލެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށްޓަކައި ގާނޫނުތަކަށް ގެންނާން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށާއި ޑީޖޭއޭ ބަދަލުވާން ބޭނުންފުޅުވަނީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ޖުޑީޝަލް ކައުންސިލާއި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަން ޖެހޭ ރަނގަޅު ބަދަލެއް ކަމަށެވެ.
އަލީ ޔާމިން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން