ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އެކިކަންކަމުގައި ގުޅާ މީހުންނަށް ފަސޭހަކަމާއެކު މައުލޫމާތު ހޯދުމުގެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.

ޑީޖޭއޭގެ ހޮޓްލައިން ނަންބަރަކީ 1442 އެވެ. އެ ހޮޓްލައިން ތައާރަފުކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ޑީޖޭއޭގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ ޑީޖޭއޭއަށް އެންމެ ގިނައިން މީހުން ގުޅަނީ ކުށުގެ ރިކޯޑު ސާފު ކުރުމުގެ ކަންކަމުގައާއި އެކަމުގެ އަޕްޑޭޓް ހޯދަން ކަމަށެވެ. އެފަދަ ކަންކަމުގައި ވަރަށް ގިނަ މީހުން ގުޅާއިރު، ފޯނަށް ޖަވާބު ދިނުމުގައި ލަސްތަކެއް ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބައެއް ފަހަރު ހޯދަން ބޭނުންވާ ހިދުމަތުގެ މައުލޫމާތު ނުލިބި ލަސްތަކެއްވާ ކަމަށާއި، ޑީޖޭއޭގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކައް ކުރިން ގުޅަން ޖެހިފައިވަނީ އެކި ނަންބަރުތަކަށްވުމުން، ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

ނަމަވެސް މިހާރު ހުރިހާ ހިދުމަތަކައް އެއް ނަންބަރެއް ތައާރަފުކުރުމުން، އަވަހަށް މައުލޫމާތު ހޯދުމަށް މަގުފަހިވުމުގެ އިތުރުން، ހިދުމަތުގެ އަޕްޑޭޓްވެސް ފަސޭހައިން ލިބެން ހުންނާނެކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

ހޮޓްލައިން ތައާރަފުކުރުމުގެ ސަބަބުން ކޯޓުތަކާވެސް މުއާމަލާތް ކުރުން މިހާރު އަވަސްވެފައިވާކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.