ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވަރުގަދަ ރެއާލް މެޑްރިޑް ކަޓުވާލައި، ބަޔާން މިއުނިކުން ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މުބާރާތް ރެކޯޑު އަދަދަކަށް ހޯދާފައިވާ ރެއާލް ކަޓުވާލަން ބަޔާނަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުނެވެ. އެއީ ރެއާލް ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބަޔާނުން މޮޅުވެފައި އޮތް ނަމަވެސް، މިރޭގެ ދެވަނަ ލެގުގެ ބޮޑުބައެއްގައި ރެއާލުން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފައި އޮތުމުންނެވެ.

ބަޔާނުން 2023-24 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދީ، މިރޭގެ ދެވަނަ ލެގު، 4-3 އިން ކާމިޔާބުކޮށް، އެގްރިގޭޓް 6-4 ގެ ނަތީޖާއަކުންނެވެ.

ބަޔާނުން 21 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީއަށް ތައްޔާރުވެފައިވާ އިރު، މިރޭގެ މެޗު ވެގެން ދިޔައީ ޔޫރަޕްގެ ގަދަ ދެ ބާރުގެ ވަރުގަދަ ކުރިމަތިލުމަކަށެވެ. ތަފާތު، ފޯރިގަދަ މެޗެއް ފެނިގެން ގޮސްފައިވާ އިރު، އެޓޭކިން ކުޅުމުގައިވެސް ފެންވަރު ފެނިގެން ދިޔައެވެ.

ރެއާލަށް އިތުރު ހިތްވަރަކާއެކު މެޗު ފަށަން ޖެހިފައި އޮތް އިރު، އެކަން އެޓީމުން ކުރިވެސް މެއެވެ. 35 ސިކުންތު ހިނގިތަނާ އާދާ ގުލާ ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ މިދިޔަ ހަފުތާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އަތުން ހެދުނު ގޯހަކުން ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއް ފަހުން ބަޔާނުން އަނެއްކާވެސް އެގްރިގޭޓް ލީޑު ނެގިއެވެ. ޖޯޝުއާ ކިމިކްގެ ކޯނަރު، ހަވަނަ މިނެޓުގައި ބޮލުން ގޯލަށް ވައްދާލީ އެލެކްސެންޑާ ޕަވްލޮވިޗެވެ.

އަވަސް، ހަލުވި ކުޅުމެއް ފެނުނު މެޗުގެ ޝައުގުވެރިކަން އިތުރަށް ގަދަވެގެން ދިޔައީ 29 ވަނަ މިނެޓުގައި އަނެއްކާވެސް އެގްރިގޭޓް 3-3 އިން އެއްވަރުވުމުންނެވެ. ރެއާލަށް އެގޯލްވެސް ޖަހައިދިނި ގުލާއެވެ. ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ދުރުން ފޮނުވާލި ހިލޭ ޖެހުން ކަނަށް އަމާޒުކޮށްލި އިރު، ހުއްޓުވަން މަސައްކަތް ކުރި ނޯޔާއަކަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

އެ ނަތީޖާއާއެކު ފުރަތަމަ ހާފަށް މަޑު ޖެހުމެއް އައި ކަމަށް ބަލައިގެން ތިއްބާ އަނެއްކާވެސް ހެރީ ކޭން ބަޔާނަށް ގޯލް ޖަހައި މެޗު އެއްވަރުކޮށް، އެގްރިގޭޓް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ހާފު ނިމެން ދިޔަ ނަމަވެސް، ޔޫރަޕްގެ އެންމެ ވަރުގަދަ އެޓޭކަރުންގެ ކުރިމަތިލުމެއްގައި އިތުރު ބަދަލުތައް އަންނާނެތާއެވެ.

ހާފު ނިމުމުގެ ކުރިން ކިލިއަން އެމްބާޕޭ އަނެއްކާވެސް ރެއާލަށް އުންމީދު ހޯދައިދިނެވެ.

ދެވަނަ ހާފު ފެށިގެން ތިބެން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް ފެނުނެވެ. އެމްބާޕޭގެ ބާރު ހަމަލާއެއް ނޯޔާ މަތަކުރި އިރު، އަނެއްކޮޅުން މައިކަލް އޮލީސޭ ފޮނުވާލި ދެ ހަމަލާއެއް ދަނޑި ކައިރިން ބޭރަށް ދިޔައެވެ.

އެ އޮއެވަރުގައި މެޗު ދަނިކޮށް، ހާލަތު ބަދަލުވީ 86 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާއަށް ރަތެއް ދެއްކުމުންނެވެ. އެ ރަތް ކާޑުގެ ފައިދާ ނަގައި، ބަޔާނުން ފަހުވަގުތު ދެ ގޯލް ޖެހިއެވެ. 89 ވަނަ މިނެޓުގައި ލުއިސް ޑިއާޒް، ޖަމާލް މުސިއާލާއާއެކު ވަން ޓޫއެއް ހަދައި، އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަން އިރު، 94 ވަނަ މިނެޓުގައި އޮލީސޭ ބަޔާނަށް ފަހު ގޯލް ޖަހަައިދީ، ސެމީ ޔަގީން ކޮށްދިނެވެ.

ބަޔާނުން ޗެމްޕިއަންސް ލީގު ސެމީގައި ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.