ސަރުކާރުން ހިންގުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތަރުތީބު މިހާރު ފައިނަލްކޮށް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ މަންޒަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 2,645 އަށް އަރާފައި ކަމަށެވެ. މީގެ ތެރޭގައި މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތަކާއި، މި އަހަރު އަލަށް ފަށާ ކަންކަމުގެ އިތުރުން އަންނަ އަހަރަށް ތާވަލުކޮށްފައިވާ މަސައްކަތްތައް ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަޝްރޫއުތަކުގެ މަސައްކަތް ލަސްވީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، ކޮންސްޓްރަކްޝަން ސާމާނު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ދަތިތަކުން އަރައިގަނެވި، ކެބިނެޓުން ވަނީ މަޝްރޫއުތައް ހިންގާނެ ހަރުދަނާ ޕްލޭނެއް އެކުލަވާލާފައިކަމަށް ރައީސް ވިދާޅުވިއެވެ.

"އަަޅުގަނޑުމެން މިހަފުތާ ތެރޭގައި މިއަދު އެންމެ ފަހުން ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއެއްގެ ތަރުތީބު ކަނޑައަޅައި ނިންމާފައި. އާދެ، މިހާރު ސޮއިކުރެވިފައި ހުރި މަޝްރޫއުތަކާއި، މިއަހަރު އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކާއި، އަދި މި އަންނަ އަހަރު އަޅުގަނޑުގެ ވައުދުތައް ފުއްދުމަށް ދެން ސޮއިކުރަން ހުރި މަޝްރޫއުތައް އެއްކޮށްލާއިރު، 2،645 މަޝްރޫއެއް ހިމެނޭ. މި 2،645 މަޝްރޫއު ގެންދާނެ ގޮތް އަޅުގަނޑުމެން މިހާރުވަނީ ޕްލޭންކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ މަގެއް ކަމަށެވެ. އެއީ ތަރައްގީއާއި، ދީނާއި ގައުމު އިސްކުރާ ބިނާކުރަނިވި މަގާއި، މީގެ ކުރިން ގައުމަށް ގެއްލުންދީފައިވާ ފަނާކުރަނިވި މަގުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ ފިކުރަކީ އިސްލާމްދީނުގެ ހިމާޔަތާއި ގައުމުގެ ހަމަޖެހުމަށް މަސައްކަތްކުރާ ވަރުގަދަ ފިކުރެއް ކަމަށާއި، މި ފިކުރުގެ ތެރެއިން ރައްޔިތުންނަށް އަމާންކަމާއި ތަރައްގީ ކަށަވަރުކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.