މި ސަރުކާރުން މިހާތަނަށް ނެގި ދަރަނިތަކަށް ދައްކަން ޖެހުނީ ހަަތަރު މިލިއަން ޑޮލަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފުސީލީ ހިސާބުތައް ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ އިގްތިސާދީ ގޮތުން ނުރައްކާތެރި ދަރަނީގެ ފުން އަނދަވަޅަކަށް ވައްޓާލާފައެވެ. މި ސަރުކާރުގެ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.29 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއީ ކުރީގެ ސަރުކާރުތަކުން ދަރަނި ދެއްކުމަށް ކުރި ހޭދައަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެއް ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި ދެއްކީ 428.68 މިލިއަން ޑޮލަރު ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގައި ދެއްކީ 191.25 މިލިއަން ޑޮލަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން މިހާތަނަށް ދެއްކި 1.29 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން މި ސަރުކާރުން އަލަށް އުފެއްދި ދަރަންޏަކީ އެންމެ 4.9 މިލިއަން ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ. ބާކީ ހުރި ހުރިހާ ފައިސާއަކީ ކުރީގެ ރައީސުންގެ ދައުރުތަކުގައި ނަގާފައިވާ ދަރަނިތައްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމްޑީޕީ ސަރުކާރުން އުފެއްދި 891.2 މިލިއަން ޑޮލަރާއި، ޔާމީންގެ ސަރުކާރުން އުފެއްދި 195.7 މިލިއަން ޑޮލަރުގެ އިތުރުން 2013 ގެ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މީގެ ކުރީގެ ސަރުކާރުތަކުން ކުރީގެ ހުރިހާ ރައީސުން ނަގާފައި ހުރި ދަރަނިތައް އަޅުގަނޑުމެން ދައްކާފައި މިހުރީ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން އުފައްދާފައިވާ ދަރަނިތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ހިސާބުތައްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ 1.29 ބިލިއަން ޑޮލަރު ދެއްކުމަށްފަހުވެސް، ކުރީގެ ރައީސުން ނަންގަވާފައިވާ ދަރަނިތަކުގެ ތެރެއިން ބޮޑެތި އަދަދުތަކެއް ދައްކަން އެބަހުރި ކަމަށެވެ.

"މިއީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި މިދިޔަ ހުރިހާ ރައީސުން ނަންގަވާފައި ހުރި ދަރަނިތައް. އަޅުގަނޑުމެން އިހައްދުވަހު 1.29 ބިލިއަން ޑޮލަރު ދެއްކީމައި އަދިވެސް ދައްކަން ހުރި ވަރު. އެހެންވީމާ މިއީ ކަންކަން ހުރި ހިސާބު. އަނދަވަޅުގެ ފުންމިން. މި އަނދަވަޅުން ނަގަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ގައުމު އިސްކޮށްގެން." ރައީސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ވެރިކަމާ ހަވާލުވިއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 123.6 ޕަސަންޓުގައި ހުރި ދަރަނި، މިހާރު 121.2 ޕަސަންޓަށް ތިރިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.