ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ މެޗުތަކުން ބަޔާން މިއުނިކާއި އާސެނަލުން މޮޅުވެ، ފައިދާ ނަގައިފިއެވެ.
ބަޔާނުން ރޭ ރަށުން ބޭރުގައި ވަރުގަދަ ރެއާލް މެޑްރިޑް ބަލިކުރީ 2-1 އިންނެވެ. އާސެނަލުންވެސް ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން މޮޅުވި އިރު، އެޓީމުން ސްޕޯޓިން ލިސްބަން ބަލިކުރީ 1-0 އިންނެވެ.
ބަޔާނާއި ރެއާލްގެ މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފު ޑޮމިނޭޓްކުރީ ބަޔާނުންނެވެ. ނުވަ ވަނަ މިނެޓުގައި ބަޔާންގެ ޑަޔޮޓް އުޕަމެކާނޯ ފޮނުވާލި ހަމަލާ، ރެއާލްގެ ޑިފެންޑަރު އަލްވާރޯ ކަރޭރާސް ގޯލް ރޮނގުމަތިން ކަހަލަ ގޮތަށް މަތަކުރި އިރު، ހާފު ނިމެން ދަނިކޮށް ލީޑުވެސް ނެގިއެވެ.
ސާޖް ނަބެރީ ދުއްވާލި ތުރޫ ޕާހެއްގައި ފައިދާ ނަގައިގެން ގޯލް ޖެހީ ލުއިސް ޑިއާޒެވެ. އޭނާ ބޯޅަ ހޯދުމަށްފަހު ފަސޭހަކަމާއެކު ރެއާލްގެ ގޯލް ބަލަހައްޓަމުންދިޔަ އަންދްރީ ލުނިން ބީޓް ކޮށްލިއެވެ. ލުނިން މެޗަށް ނެރެން ޖެހުނީ ޓިބީ ކޯޝުއާއަށް އަނިޔާވުމުންނެވެ.
ދެވަނަ ހާފުގައި ކުރީކޮޅުގައި މައިކަލް އޮލީސޭގެ ބޯޅަައަކުން ހެރީ ކޭން، ބަޔާނަށް ލީޑު ފުޅާކޮށްދިން ނަމަވެސް، ދެން ފެނުނީ ރެއާލްގެ ނުރައްކަލެވެ. 74 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް، އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
އެ ގޯލްގެ ފަހުން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާގެ ގިނަ ހަމަލާތަކެއް ބަޔާނަށް ކުރިމަތިވި ނަމަވެސް، އެޓީމުގެ ކީޕަރު މެނުއަލް ނޯޔާ ފެނުނީ ތަފާތު ފޯމެއްގައެވެ.
އާސެނަލާއި ސްޕޯޓިން ކުޅުނު މެޗުވެސް ޝައުގުވެރިއެވެ. ފުރަތަމަ ހާފުގައި ސްޕޯޓިންގެ މެކްސީ އަރައޫހޯއާއި އާސެނަލުން ނޮނީ މަޑުއޭކޭގެ ހަމަލާތައް ދަނޑިއަށް އަމާޒުވެފައިވާ އިރު، އަރައޫހޯގެ އިތުރު ހަމަލާއެއް ޑޭވިޑް ރާޔާ މަތަވެސް ކުރިއެވެ.
ބުކަޔޯ ސަކާއާ ނުލައި މެޗަށް ނުކުތް އާސެނަލުން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް، ގޯލެއް ޖެހުންވީ އުނދަގޫ ކަމަކަށެވެ. އެކަން އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ނުކުތް ކައި ހަވާޓްސް އެވެ. ހަވާޓްސްގެ ގޯލަކީ މެޗުގެ އެންމެ ފަހު މިނެޓުކޮޅުގެ ތެރޭގައި ޖެހި ގޯލެކެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ މެޗުތަކެއް މިރޭވެސް އޮންނާނެއެވެ. ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރާ ފުރަތަމަ ލެގުގެ އިތުރުން ޕީއެސްޖީއާއި ލިވަޕޫލް ވާދަކުރާ ކުއާޓާ މެޗުގެ ފުރަތަމަ ލެގުވެސް މިރޭ އޮންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު