ރާއްޖޭގެ ސިޔާސީ ތާރީހުގައި 4 އޭޕްރީލް 2026 ވެގެން އެދިޔައީ ވަރަށް ތަފާތު އަދި އެހާމެ މުހިންމު ދުވަހަކަށެވެ. އެއް ދުވަހެއްގައި ތިން އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދިޔުމަކީ އާންމު ރައްޔިތުންނަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ކުރިމަތިވި ބޮޑު އިމްތިހާނެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގެ އިތުރުން، މުޅި ގައުމުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށެވެ. މިއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހަށް ރައްޔިތުންގެ ގޮތް ނިންމަން ނެގި ވޯޓެކެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އީސީން އާންމުކޮށްފައިވާއިރު މުޅި މަންޒަރުން ފެންނަނީ ސިޔާސީ ގޮތުން ފުން މާނަތަކެއް އެކުލެވޭ ނަތީޖާތަކެކެވެ.

މި ބޮޑު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިފައިވެއެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މުޅި ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން ޖުމްލަ 621 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަ މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން) 240 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މާލެ ސަރަހައްދުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ސްކޫލްތަކާއި ހުސް ބިންތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ވޯޓުލާ މަރުކަޒުތަކެއް ގާއިމްކޮށްފައިވެއެވެ.

މިއަދު ބާއްވާ ތިން އިންތިހާބުގެ ވޯޓުލުން ފަށައި ވޯޓުލުން ކުރިއަށް ގެންދަނީ. -- (ވަން ފޮޓޯ/ ފާތިމަތު ލިޔުޝާ)

ލޯކަލް ކައުންސިލްތަކާއި ޑަބްލިޔުޑީސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ގިނަ ސިޓީތަކާއި ރަށްރަށުގެ ކައުންސިލް ގޮނޑިތަކުގެ އަގުލަބިއްޔަތު ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެހެނަސް ހުރިހާ ސިޓީއެއްގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ދިވެހި ރައްޔިތުން މި ވަނީ ސާފު އިބާރާތުން ނޫނެކޭ ބުނެފައެވެ. އީސީން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެ ހުށަހެޅުމަށް އެއްބަސްވެ "އާއެކޭ" ބުނެފައިވަނީ 67137 (31.28 ޕަސަންޓު) މީހުންނެވެ. ހުށަހެޅުމަށް 146112 (68.52 ޕަސަންޓު މީހުން "ނޫނެކޭ" ބުނެފައިވެއެވެ.

3 އޭޕްރީލް 2026، އެމްޑީޕީގެ ކެމްޕޭން ނިންމާލުމަށް މާލޭގައި ކުރިއަށްގެންދިޔަ ހިނގާލުން -- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ބޭނުންވި އެންމެ މުހިންމު އެއް ސަބަބެއް ކަމަށް ބުނަމުން އައީ، އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން ކުރަން ޖެހޭ ހަރަދު ކުޑަވުމާއި މަޖިލީހުގައި އޮންނަ ސުޕަ މެޖޯރިޓީ ނިޒާމު ނައްތައިލައި ސިޔާސީ ހަމަޖެހުން ގެނެސްދިނުމުގެ ވާހަކައެވެ.

"ފްރީ އެންޑް ފެއާ އިލެކްޝަނެއް ބާއްވަން ބަލާއިރު މަޖިލިސް އިންތިހާބު އެންމެ ފްރީ އެންޑް ފެއާ އިލެކްޝަނެއްގެ ގޮތުގައި ހިނގާނީ ދެ އިންތިހާބު އެއް ދުވަހު ބާއްވައިގެންނޭ. އެހެން މިދަންނަވާ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވާ މީހާ އެއިރަކު ނޭނގޭ ހޮވިގެންދާނީ ކާކު ކަމެއް. އެހެން ނޫނީ ސަރުކާރު އޮންނަނީ ހޮވިފަ. ދެން ހަ މަސް ފަހުން ރައްޔިތުން ކައިރިއަށް ދާއިރު ކެންޑިޑޭޓު މިދަނީ ތިމަންނައަކީ ސަރުކާރު ޕާޓީއޭ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއޭ އެހެންވީމަ އެހިސާބުން އެބަ ގެއްލޭ ފެއާނެސް،" މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވެއެވެ.

30 މާޗް 2026، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ ރައީސް އޮފީސް

މީގެ އިތުރުންވެސް ހަގީގީ ޑިމޮކްރަޓިކް ނިޒާމެއް ލިބެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެންކަމަށް ސަރުކާރަށް ތާރީދުކުރާ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

އެއް ދުވަހެއްގައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ބޭއްވުމާ އެންމެ ބޮޑަށް ދެކޮޅު ހެދީ އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފުންނެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އުޅެނީ، ރައްޔިތުންގެ ކައިރިއަށް ވެރިން ދިއުން މަދުކުރުމަށެވެ. އޭރުން ވެރިމީހާ ރައްޔިތު މީހާ ކައިރިއަށްދާނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކަޑަ ޖަހާ އުސޫލުން ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.

ކޮންމެ ގޮތެއްވިނަމަވެސް، ބޮޑު ދެ ޕާޓީގެ ބަހުސަށް ރައްޔިތުން މިހާރު އެވަނީ ގޮތް ނިންމައިފައެވެ. ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ދައްކައިދިނީ، ސަރުކާރުން މި ބަދަލު ގެންނަން އުޅުނު ނަމަވެސް، ރައްޔިތުން އެގޮތް ބޭނުން ނުވާ ކަމެވެ.

24 ޑިސެމްބަރު 2025، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ---- ފޮޓޯ: އެމްޑީޕީ

ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ގަބޫލުކުރައްވާ ގޮތުގައި މި އިންތިހާބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުރިމަތިވި "މިޑް-ޓާމް" ނުވަތަ ދައުރުގެ މެދުތެރޭގެ ބޮޑު އިމްތިހާނެކެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާމެދު ރައްޔިތުން ދެކޭ ގޮތް މި ވޯޓުން ވަނީ ސާފުވެފައެވެ. ކައުންސިލް ގޮނޑިތައް ލިބުނު ނަމަވެސް، ގާނޫނުއަސާސީއަށް ގެންނާން ބޭނުންވި ބޮޑު ބަދަލަށް ރައްޔިތުން ތާއީދު ނުކުރުމަކީ ސަރުކާރަށް ލިބުނު ވަރުގަދަ މެސެޖެކެވެ. މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ވަރުގަދަ ތައްޔާރީތަކެއް ވާންޖެހޭކަމުގެ ސާފު މެސެޖެކެވެ. ރައްޔިތުން ތިބީ ހުރިހާ ކަމަކަށް އާނއެކޭ ބުނާ ގޮތަށް ނޫންކަން މި ނަތީޖާއިން ކަށަވަރުވެއެވެ.

އިންތިހާބުތަކުގެ ނަތީޖާއާއި ރެފެރެންޑަމް ވޯޓުގެ ނަތީޖާ އައުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވަނީ ސަރުކާރުން ރަނގަޅުކުރާން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރާން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.

ސަރުކާރުގެ އިސް ބައެއް ފަރާތްތަކުންވެސް ގަބޫލުކުރައްވަނީ އެގޮތަށެވެ.

"އިންތިހާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ. އިންތިހާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުސަތުތަކެއް. އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް. އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރާން ޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރާން ޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެވަނީ ދެއްވާފައި." ފިޝަރީޒް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

05 ފެބްރުއަރީ 2025، ޕީއެންސީގެ އައްޑޫ ސިޓީ، މާލެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ ---- ފޮޓޯ: ޕީއެންސީ

ތާރީހީ ވޯޓާއެކު، ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ސަރުކާރުގެ ނިންމުމަކަށް "ނޫނެކޭ" ބުނުމަކީ ސަރުކާރުން ފުންކޮށް ވިސްނާން ޖެހޭ ސީރިއަސް މައްސަލައެކެވެ. ސިޓީ ކައުންސިލުތައް އިދިކޮޅަށް ދިއުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ.

އެހެންކަމުން، ރައްޔިތުންގެ އިތުބާރު ހޯދައި، 2028 ވެރިކަން ދިފާއުކުރުމަށް ސަރުކާރުން އިހުނަށްވުރެ އެތައް ގިޔަރެއް ކުރިއަށް ޖައްސައި މަސައްކަތްކުރަން ޖެހެއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން، މުޅި ސަރުކާރުވެސް އަވަސް ފިޔަވަޅުތަކެއް އަޅާން ޖެހެއެވެ. އަދި އެ ފިޔަވަޅު ތަކަކީ ރައީސް އެ ވިދާޅުވި ފަދައިން، ރައްޔިތުންގެ ވިންދާ އެއްގޮތަށް އެޅޭ ރަނގަޅު ފިޔަވަޅު ތަކަކަށް ހެދިގެން މެނުވީ މި ނަތީޖާ ބޮޑު ތަނުން ބަދަލު ކުރެވޭނެ ފުރުސަތު ފަހިކުރުން ފަސޭހައެއް ނުވާނެއެވެ.