ލޯކަލް ކައުންސިލު، ޑަބްލިޔުޑީސީ އިންތިހާބު އަދި ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގެ ކެމްޕޭންތައް ނިންމާލައިފިއެވެ.
ކެމްޕޭންތަކުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީއާ ދެމެދުއެވެ. ހިޔާލު ހޯދުމުގެ ވޯޓަށް ވެސް ދެ ޕާޓީން އިސްކަމެއް ދީފައިވާ އިރު، ޕީއެންސީން ގޮވާލާފައިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއީދުކުރުމަށެވެ. އަދި އެމްޑީޕީން ކެމްޕޭންކުރީ އެކަމާ ދެކޮޅަށެވެ.
ޕީއެންސީގެ ކެމްޕޭން ނިންމާލުމަށް ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ޕީއެންސީގެ ޖަގަހައިން ފެށިގެން މަޖީދީ މަގުން ގޮސް، ރަސްފަންނަށެވެ. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ޕީއެންސީގެ ސަޕޯޓަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީން ހިނގާލުން ކުރިއަށްގެންދިޔައީ އާޓިފިޝަލް ބީޗް ސަރަހައްދުން ބޮޑުތަކުރުފާނު މަގުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި އެ ހިނގާލުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްްމަދު ނަޝީދުގެ އިތުރުން އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާދަމާގެ އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
މި ނަގާ ތިން ވޯޓުގައި ވޯޓުލުމަށް، ޖުމުލަ 588 ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް