ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ އެޓީމުގެ މިސްރު ތަރި، މުހައްމަދު ސަލާހަށް 40 އަހަރު ވާންދެންވެސް ރަނގަޅު ފެންވަރުގައި ކުޅެވިދާނެ ކަމަށް ކުރިން ލިވަޕޫލަށް ކޯޗުކަން ކޮށްދީ، އެ ކްލަބާއެކު ކާމިޔާބީތައްވެސް ހޯދާފައިވާ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ސަލާހް، މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނު ކޮށްފައިވެއެވެ. ސަލާހް، 2017 ވަނަ އަހަރު ލިވަޕޫލާ ގުޅިފައިވާ އިރު، ސަލާހް ވަނީ އެޓީމާއެކު ދެ ފަހަރަށް ލީގު ތަށްޓާއި، ޗެމްޕިއަންސް ލީގުގެ އިތުރުން ކްލަބު ވޯލްޑް ކަޕާއި ޔޫއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ލީގު ކަޕްވެސް ދެފަހަރު ހޯދައިފައެވެ.
އޭގެ ތެރެއިން ޕްރިމިއާ ލީގު ތަށްޓެއް ފިޔަވައި ދެން ހޯދި ކާމިޔާބީތައް ހޯދީ، ކްލޮޕާއެކުގައެވެ.
"ޕްރޮފެޝަނަލް ކެރިއަރުގައި ސަލާހް ދެއްކީ ނަމޫނާ. މުޅިން އެހެން ލެވެލަކަށް ކެރިއަރު ގެންދިޔަ ކުޅުންތެރިއެއް އެއީ. ބުރަ މަސައްކަތާއި، ރިކަވަރީގެ އިތުރުން އެހެން ހުރިހާ ކަމެއްގައިވެސް ސަލާހް ވަނީ މުޅީން އާ ސްޓެންޑަޑެއް ދައްކާފަ. ލިވަޕޫލް ދޫކޮށްލިޔަސް، ސަލާހް އަދި އިތުރު ހައެއްގެ ސީޒަނެއްގައި ރަނގަޅަށް ކުޅޭނެ ކަމަށް ދެކެން. ގާތްގަނޑަކަށް 40 އަހަރު ވާންދެން ސަލާހަށް ކުޅެވިދާނެ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ސަލާހް ލިވަޕޫލް ދޫކޮށްލާތީ އެކަމާ ދެރަވި ނަމަވެސް، ޕްރިމިއާ ލީގު ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ކެރިއަރުގައި ހިއްސާވެވުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
ކްލޮޕް، 2024 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލާފައިވާ އިރު، އޭނާ ބުނީ ސަލާހާއި ލިވަޕޫލަކީ ގުޅި ލާމެހިފައިވާ ދެ ނަން ކަމަށެވެ. ސަލާހަކީ ކްލަބުގެ އައިކަންއެއް ކަމަށެވެ.
ކްލޮޕަށްފަހު ލިވަޕޫލާ ހަވާލުވި އާނޭ ސްލޮޓްގެ ކޯޗުކަމުގައި ފުރަތަމަ ސީޒަނުގައި ތަށި ހޯދި ލިވަޕޫލަށް މިއީ ޗެލެންޖެއް ސީޒަނެކެވެ. އެފްކޯންގެ ކުރިން ސްލޮޓާއި ސަލާހާ ދެމެދު މައްސަލަ ޖެހުނު އިރު، އޭގެފަހުން މައްސަލަ ހައްލުކުރި ނަމަވެސް ހަބަރުތައް ބުނީ ސަލާހް ލިވަޕޫލް ދޫކޮށްލުމުގައި އެ މައްސަލައިގެ ހިއްސާ ވާ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް