ރޭ ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުތަކުން ސްޕެއިނާއި ޖަރުމަނުގެ އިތުރުން ނެދަލޭންޑްސްވެސް މޮޅުވެއްޖެއެވެ.

ގައުމުތަކުން މި އިންޓަނޭޝަނަލް ބްރޭކްގެ ބޭނުން ކުރަމުން ދަނީ ޖޫން މަހު ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026 އަށް ސްކޮޑުތައް ތައްޔާރުކުރުމަށެވެ. ކޯޗުން ކުޅުންތެރިން ޓެސްޓް ކުރުމުގެ އިތުރުން މިހާރު ދަނީ ފައިނަލް ސްކޮޑުތައް ކަނޑައަޅަމުންނެވެ.

ވަރުގަދައަށް މުބާރާތަށް ތައްޔާރުވަމުންދާ ޖަރުމަނުން ރަށުން ބޭރުގައި ރޭ ސްވިޒަލޭންޑް ކައިރިން މޮޅުވީ 4-3 އިންނެވެ. އަދި ސްޕެއިނުން 3-0 އިން ސާބިއާ ބަލިކުރި އިރު، ނެދަލޭންޑްސްއިން ވަނީ 2-1 އިން ނޯވޭ ބަލިކޮށްފައެވެ. އޭގެ އިތުރުން ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިންވެސް ރޭ އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ އިރު، އެޓީމުން ވަނީ 2-1 އިން މޮރިޓާނިއާ ބަލިކޮށްފައެވެ.

ނެދަލޭންޑްސްއިން ނޯވޭ ކައިރިން ކުރި ހޯދީ ފަހަތުން އަރައެވެ. އާލިން ހާލަންޑާއި މާޓިން އޮޑެގާޑްވެސް ނުލާ ކުޅުނު ނޯވޭއަށް ފުރަތަމަ ލީޑު ނަގައިދިނީ އަންދްރޭއާސް ޝްޖެލްޑެރަޕެވެ. އޭގެފަހުން ވާޖިލް ވެން ޑައިކް މެޗު އެއްވަރުކޮށްދިން އިރު، ނެދަލޭންޑްސް މޮޅުވި ގޯލް ޖެހީ ޓިޖާނީ ރެއިންޑާސްއެވެ.

ޖަރުމަނު ކުޅުނު މެޗުގައި އެޓީމަށް ވިދާލީ ލިވަޕޫލްގެ ފްލޯރިއަން ވާޓްސްއެވެ. އޭނާގެ ހިތްގައިމު ދެ ގޯލް ފެނުނު އިރު، ޖަރުމަނުގެ އަނެއް ގޯލްތައް ޖެހީ ޖޮނަތަން ޓާއާއި ސާޖް ނަބެރީއެވެ. ސްވިޒަލޭންޑްގެ ގޯލްތައް ޖެހީ ޑޭން އެންޑޮއީއާއި ބްރީލް އެމްބޯލޯގެ އިތުރުން ޖޯލް މޮންޓެއިރޯއެވެ.

ސްޕެއިނުން ކުޅުނު މެޗުގައި މިކޭލް އޮޔަރުޒަބާލް ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ ވިކްޓޯ މުނޯޒެވެ.

އާޖެންޓީނާއިން ކުޅުނު މެޗުގައި އެޓީމުގެ ގޯލްތައް ޖެހީ އެންޒޯ ފެނާންޑޭޒްއާއި ނިކޯ ޕާޒްއެވެ. މޮރިޓާނިއާގެ ގޯލް ޖެހީ ޖޯޑަން ލެފޯޓެވެ.