ސާފް 20 އަަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން 3-0 އިން ޕާކިސްތާން ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗާއެކު ގްރޫޕް ބީން އިންޑިއާއާއި ބަންގްލަދޭޝްއަށް ވަނީ ސެމީ ފައިނަލް ޔަގީންވެފައެވެ. އެ ގްރޫޕުގައި ތިން ޓީމު ހިމެނޭ އިރު ފުރަތަމަ މެޗުން، އެންމެ ފަހުގެ ރަަނަރަޕް، ބަންގްލަދޭޝް އިން ވަނީ 2-0 އިން ޕާކިސްތާން ބަލިކޮށްފައެވެ. އަދުގެ މެޗަށް ނުކުތްއިރު، ޕާކިސްތާނަށް އޮތީ މޮޅެއް ހޯދުން މަޖުބޫރުވެފައެވެ. ޕާކިސްތާނުން އިންޑިއާ ކައިރިން ބަލިވުމުން އެޓީމަށް ނިންމާލަން ޖެހުނީ ދެ ބައްޔާއެކުގައެވެ. އެ ގްރޫޕުގެ އެއްވަނަ ޔަގީންވާނީ ، އިންޑިއާ އާއި ބަންގްލަދޭޝް ކުރިމަތިލާ މެޗުންނެވެ.

މިއަދު ކުޅުނު މެޗުގެ ތިންވަނަ މިނެޓުގައި އިންޑިއާއިން ވަނީ ގޯލް ޖަހައިފައެވެ. އިންޑިއާގެ ގޯލް ޖެހީ ވިޝާލް ޔާދަވް އެވެ. އެއީ ޕާކިސްތާން ޑިފެންސް މަތިން ވެއްޓި ބޯޅައެއްގެ ބޭނުން ހިފައިގެންނެވެ.

އޭގެފަހުން ޕާކިސްތާނުން ނުރައްކާ ކުރިމަތިކުރި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާއިން ލީޑު ފުޅާކުރިއެވެ. އެ ގޯލްގެ ކުރިން ޕާކިސްތާނުން އިންޑިއާ ޑީފެންޑަރު އަތުގައި ޖެހުމުން ހޭންޑް ބޯޅައަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައިވެއެވެ.

އިންޑިއާގެ ދެވަނަ ގޯލް މެޗުގައި ޖަހައިދިނީ އޮމަންގް ދޫދޯމްއެވެ.

އިންޑިއާ އިން ވަނީ މެޗުގެ 88 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ތިން ވަނަ ގޯލް ޖަހައިފައެވެ. އެ ގޯލްވެސް ޖެހީ އޮމަންގެވެ.