ސާފް 20 އަހަރުން ދަށުގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. މިރޭ 8:00 ގައި ފަށަން ތާވަލުކޮށްފައިވާ މެޗު ވެގެންދާނީ ގައުމީ ދަނޑަށް ހާއްސަ ދިރުމެއް ގެނެސްދޭނެ މެޗަކަށެވެ. ރާއްޖޭގެ ގައުމީ ޓީމު ނުކުޅުނު ކަމުގައި ވިޔަސް، އެ ފޯރިއާ ދޭތެރޭ ސުވާލެއް ނެތެވެ. ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ އެތައް ހާސް ރައްޔިތުންނެއް ދަނީ މެޗަށް އިންތިޒާރުކުރަމުންނެވެ. ޓިކެޓަށް އޮތް ބާރުވެސް އެކަން ސާފުވެއެވެ.
އިންޑިއާ އާއި ބަންގްލަދޭޝް ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗަށް 3932 ސަޕޯޓަރުން ވަދެފައިވާ އިރު، އެ މެޗުގެ ކުރިން އެތައް ހާސް ސަޕޯޓަރުންނެއް ދަނޑު ކައިރިއަށް ޖަމާވެސް ވިއެވެ. އެކި ގޮތްގޮތުން ޓިކެޓް ހޯދަން އުޅުމުގެ ތެރޭގައި ކިއުވެސް ފަޅާލާފައިވެއެވެ. އަދި އެ އުނދަގޫތަކާ ހެދި ބައެއް ސަޕޯޓަރުންގެ އަތުގައި ޓިކެޓް އޮވެވެސް، ވަދެވޭނެ ގޮތް ނުވިއެވެ.
މެޗަށް ގިނައިން ވެދެފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. މާލޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް މިއީ ފުޓުބޯޅައިގެ އީދެއް ފަދައެވެ. ސެމީ ފައިނަލް މެޗުން މޮޅުވި ހިސާބުން އެކި ކޮޅުކޮޅަށް ގޮސް ޓިކެޓް ހޯދުމަށް މަސައްކަތް ކުރާ އެތައް ބަޔަކާ ދިމާވެސް ވެއްޖެއެވެ. އެގައުމުން ފުޓުބޯޅައަށް ދޭ ހާއްސަ ލޯތްބެއްގެ ސަބަބުންނެވެ. ހަމައެހެން، އިންޑިއާއަކީ ކްރިކެޓަށް މަރުދޭ ގައުމެއް ނަމަވެސް، އެގައުމުގެ ސަޕޯޓަރުންވެސް ސެމީ ފައިނަލް މެޗުގައިވެސް ފޯރި ނެގިއެވެ. އެހެންކަމުން ސަޕޯޓަރުންގެ ފޯރިއަށް ބަލައި، މިރޭގެ މެޗު ވެގެންދާނީ މި ފަހުގެ ތާރީހުގައި ގައުމީ ދަނޑުން ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗަށެވެ. އެއީ އުމުރުފުރާ މުބާރާތެއްގެ ފައިނަލް ކަމަށް ވީ ނަމަވެސް އެވެ.
އުމުރުފުރާ މުބާރާތްތަކުގައި ގަދަ ދެ ބާރު
ސާފްގެ އުމުރުފުރާ މުބާރާތްތައް ބާއްވަމުން ދަނީ އެކި އަހަރު އެކި އުމުރުފުރާތަކަށް ޓާގެޓް ކޮށްގެންނެވެ. އެއީ އެއް ޖީލަކަށް މުބާރާތުގައި ވާދަކުރުމުގައި ކުރިއަށްދެވޭނެ ގޮތަކަށް މުބާރާތް އިންތިޒާމުކުރުމަށެވެ. އެގޮތުން ސާފުން އުމުރުފުރާ މުބާރާތްތައް، 2015 ވަނަ އަހަރު ބާއްވަން ފަށައި، 18 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ އިތުރުން 20 އަހަރުން ދަށަށް އަމާޒުކޮށް ބާއްވާފައިވެއެވެ.
އޭގެފަހުން ހަތް މުބާރާތެއް ބާއްވާފައިވާ އިރު، އިންޑިއާ ނޫނީ ބަންގްލަދޭޝް ނެތި، އެއްވެސް ފައިނަލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެ ދެ ގައުމުން ވަނީ މީގެ ކުރިން ތިން ފައިނަލެއްގައި ވާދަވެސް ކޮށްފައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 18 އަހަރުން ދަށު މުބާރާތުގެ ފައިނަލާއި، 2022 ވަނަ އަހަރު 20 އަހަރުން ދަށަށް ބޭއްވި މުބާރާތާއި މިދިޔަ އަހަރު 19 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ފައިނަލްތަކުގައެވެ.
އެ ހުރިހާ ފައިނަލްތަކުގައިވެސް މިހާތަނަށް ކުރި ހޯދީ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއެވެ. 2019 ވަނަ އަހަރުގެ ފައިނަލުގައި އިންޑިއާއިން 2-1 އިން ބަންގްލަދޭޝް ބަލިކުރި އިރު، 2022 ވަނަ އަހަރު ފައިނަލުން ބަންގްލަދޭޝް ބަލިވީ އިތުރު ވަގުތަށް ގޮސް، 5-2 ގެ ނަތީޖާއަކުންނެވެ. ދެން މިދިޔަ އަހަރު ފައިނަލުގައި އިންޑިއާ މޮޅުވީ ޕެނަލްޓީގައި 4-3 އިންނެވެ.
އެންމެފަހުން 20 އަހަރުން ދަށަށް ބޭއްވި 2024 ވަނަ އަހަރު މުބާރާތުގެ ތަށި ނެގީ ބަންގްލަދޭޝްއިންނެވެ. އެއީ ބަންގްލަދޭޝްއަށް ހޯދުނު ހަމައެކަނި ތަށްޓެވެ. ސަރަހައްދީ ޒުވާން މުބާރާތްތަކުގެ ވާދަވެރިކަމުގައި އެންމެ ވާދަކުރާ ދެ ޓީމުގެ ގޮތުގައި ބަންގްލަދޭޝްއާއި އިންޑިއާ އޮތް އިރު، މިއީ ބަންގްލަދޭޝްއަށް ކުރިއެރުން ދައްކާލަން އޮތް ފުރުސަތެކެވެ. އަނެއްކޮޅުން އިންޑިއާގެ އަމާޒަކަށްވާނީ މަގާމު ދެމެހެއްޓުންކަން ޔަގީނެވެ.
މާހައުލު ތަފާތު ވާނެއެވެ. އެކަން ކޯޗުންނަށްވެސް އެނގެއެވެ. ގަދަވާނީ ބަންގްލަދޭޝް ސަޕޯޓަރުންގެ އަޑެވެ. އެ އަޑަށް އިންޑިއާ ކެތްކުރަން ޖެހޭނެއެވެ. މިފަހަރު ދެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުރިމަތިލި މެޗުވީ 1-1 އިން އެއްވަރެވެ.
ކޯޗުންގެ ބަސް
އިންޑިއާގެ ކޯޗު - މަހޭޝް ގޯލީ
"އަހަރެމެންނަށް މިހާތަނަށް ހުރިހާ މެޗެއްވެސް ހަމަ އެއްވަރަކަށް މުހިންމު. އެކަމަށް ތައްޔާރުވެގެން މުބާރާތަށް ނުކުތީވެސް. ކުޅުންތެރިންނަށް އެނގޭނެ ބަންގްލަދޭޝްގެ ނުރައްކާވެސް. ބަންގްލަދޭޝްއަކީ ވަރަށް ހުނަރުވެރިވެސް ޓީމެއް. ބަންގްލަދޭޝްއަށް މި ދަނޑުގައި އެބައޮތް ބޮޑު ސްޕޯޓެއްވެސް. އެކަމަކު އަހަރެމެންގެ މިތިބީ އެކަމަށް ހޭނިފައި ތިބި ކުޅުންތެރިން،"
ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު - އަތީގުއްރަހްމާން މީޝޫ
"އަނެއްކާވެސް އިތުރު ފައިނަލެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ ބަންގްލަދޭޝް ފުޓުބޯޅައަށްވެސް ހާސިލުވި އުފާވެރިކަމެއް. އެންމެފަހުން ސާފުން 20 އަހަރުން ދަށަށް ބޭއްވި މުބާރާތް ބަންގްލަދޭޝްއަށް ކާމިޔާބު ކުރެވިފައި އޮތީވެސް. އެހެންވީމަ އެއީ ހިތްވަރެއް. އަހަރެމެން މި މުބާރާތް ނަގަން ކުޅެމުން މިދަނީ. އެކަން ކުރަން ދެން އޮތީ ފައިނަލް މެޗު،"
އިންޑިއާއި ބަންގްލަދޭޝް މިރޭ ވާދަކުރާ މެޗަކީ ދިވެހީންނަށް ސަޕޯޓަރުންގެ މަންޒަރު ފެންނާނެ ރެއެއްކަން މާ ކުރިންވެސް އޮތީ ޔަގީންވެފައެވެ. ގައުމީ ދަނޑުން ދުވަސްތަކެއް ކުރިން ފެނުނު ޖޯޝާއި ފޯރި، މިރޭ ފެނިގެންދާނީ ގައުމުން ބޭރުގެ ރައްޔިތުންތަކެއްގެ ފަރާތުންނެވެ. ފެންވަރުގެ ގޮތުން، މި ސަރަހައްދުގެ ވަރުގަދަ ކުރިމަތިލުމެއް ދަނޑުމަތިން ފެންނާނެއެވެ. އެއާއެކު ދަނޑު ބޭރުން ޖޯޝާއި ގައުމީ ރޫހު ޔަގީނުންވެސް ފެންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ކޮމެންޓް