ސާފް 20 އަހަރުން ދަށު މުބާރާތް ރާއްޖޭގައި ބޭއްވި އިރު، އެ މުބާރާތުގެ ތެރެއިން ބަންގްލަދޭޝް ސަޕޯޓަރުން ދިން ސަޕޯޓާއި، ސަޕޯޓަރުންގެ ރޫހު ފެނި ހައިރާންވި ކަމަށް ޒުވާން ޓީމުގެ ތަރި، ރޮނަން ބެންޖަމިން ސުލިވަން ބުނެފިއެވެ.
މިފަހަރު ރާއްޖޭގައި ބޭއްވި ސާފްގެ އުމުރުފުރާ މުބާރާތް ފޯރިއާއެކު ނިމިގެން ދިޔައީ ބަންގްލަދޭޝްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގައި އެންމެ ގިނައިން ސަޕޯޓަރުން ފެނިގެން ދިޔައީ ބަންގްލަދޭޝް ކުޅުނު މެޗުތަކުންނެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ މެޗުތަކަށް ޓިކެޓް ހޯދުމަށް ބޮޑެތި ކިއުތައް ޖެހި، މަގު މަތީގައިވެސް ފޯރި ފެނިގެން ގޮސްފައިވެއެވެ.
"ފުރަތަމަ ފަހަރަށް މި ޖާޒީގައި ކުޅެ ޗެމްޕިއަންކަން ހޯދުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ ތަފާތު އިހުސާސެއް. މި ހުރިހާ ސަޕޯޓަރުން އައިސް މި ފޯރީގައި ސަޕޯޓް ކުރާނެ ކަމަކަށް އަހަރެމެން އެއްވެސް ކުޅުންތެރިޔަކު އުންމީދެއް ނުކުރޭ. ހަގީގަތުގައި މިއީ އަހަންނަށް މުޅިން ތަފާތު، ހައިރާންކަން ގެނުނު ތަޖުރިބާއެއް. ބަންގްލަދޭޝް ސަޕޯޓަރުންނަކީ ދުނިޔޭގެވެސް އެންމެ ވަރުގަދަ ސަޕޯޓަރުން ހަމަ. އެއީ ތެދެއް،" ރޮނަން މެޗަށްފަހު ބުންޏެވެ.
ރޮނަންއާއި އޭނާގެ އެއްމާބަނޑު ޑެކްލަން ތިއެޑޯ ސުލިވަންވެސް މިފަހަރު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕްގައި ފެނިގެން ގޮސްފައިވާ އިރު، ރޮނަން ވެގެންދިޔައީ އުންމީދީ ކުޅުންތެރިޔަކަށެވެ. ހާއްސަކޮށް ސެޓް ޕީސްތަކުގައި އޭނާގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، މުސްތަގުބަލުގައި އެގައުމުގެ ފުޓުބޯޅައަށް އޭނާގެ ފައިދާ ކުރާނެ ކަމަށް ގިނަ ނޫސްވެރިން ދަނީ ބުނަމުންނެވެ. ރޮނަންއަކީ އެމެރިކާގެ ފިލަޑެލްފިއާގެ ޔޫނިއަން އެކަޑެމީގައި ކުޅެމުންދާ ކުޅުންތެރިއެކެވެ.
"އަހަރެންގެ އުންމީދެއް އެއީ ބަންގްލަދޭޝްގެ ސީނިއާ ޓީމަށް ކުޅުން. މިހާރު އަދި ބަންގްލަދޭޝްއަށް އެހާ ފަރިތަ ނޫން ނަމަވެސް، ވީހާވެސް ބޮޑަށް އެކަމަށް މަސައްކަތް ކުރާނަން،" ރޮނަން މީޑިއާއަށް ބުންޏެވެ.
ރޮނަން ބުނީ ޓީމުގެ ރޫހު ވަރަށް ރަނގަޅު ކަމަށާއި، ޕްރެޝަރު ހެންޑަލް ކުރަން ފަސޭހަވީ ޓީމުގައި އޮތް ބަދަހި ރޫހުގެ ސަބަބުން ކަމަށެވެ.
ރޮނަންއަށް ބަންގްލަދޭޝްއަށް ކުޅުމަށް ފުރުސަތު ފަހިވީ އޭނާގެ މާމައަކީ ބަންގްލަދޭޝް ރައްޔިތަކަށްވާތީއެވެ. މިފަހަރު މުބާރާތް ކުރިއަށްދިޔައިރު އޭނާގެ މާމަ މެޗުތައް ބަލަން ދާކަން ފާހަގަކުރެވިފައިވެއެވެ. ފައިނަލް މެޗަށްފަހު ކުޅުންތެރިންނާއެކު ފޮޓޯ ނެގިތަންވެސް ފެނިގެން ގޮސްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް